އިންސާނާގެ ހަށިގަނޑުގައި ގުނަވަންތައް ތަރުތީބުވެފައިވަނީ ވަރަށްވެސް އަޖައިބުކުރަނިވި ގޮތަކަށެވެ. ކޮންމެ ގުނަވަނަކީވެސް އެއިން އިންސާނުންނަށް އިހުސާސްވެސް ނުކުރެވޭހާ މުހިންމު އެތައް ފައިދާތަކެއް ކުރުވާ ގުނަވަންތަކެކެވެ. މާތް ﷲ މި އިންސާނާ ހައްދަވާ ޚަލްޤުކުރައްވާފައިވަނީ އެކަލާނގެ ކުޅަދުންވަންތަކަން މީސްތަކުންނަށް ހާމަވާނޭ ގޮތަށެވެ. އެގޮތުން މި ލިޔުމުގައި މި ބަލައިލަނީ އިންސާނާގެ ލޮލުގެ އެސްފިޔަތަކާއި ބުމައިން އިންސާނާގެ ލޯ ރައްކާތެރިކޮށްދޭ ފުރިހަމަ ނިޒާމުގެ މައްޗަށެވެ.

އިންސާނާގެ ލޮލަކީ ވަރަށް މުހިންމު އަދި އެހާމެ ނާޒުކު ގުނަވަނެކެވެ. ވީ އިރު މި ނާޒުކު ކަމުގެ ހިމާޔަތުގައި އެސްފިޔަތަކާއި ބުމަ އަދާކުރަނީ ވަރަށްވެސް މުހިއްމު ދައުރެކެވެ. ލޮލުގައި ދެ ރަވަ ވެއެވެ. މަތީރަވަ އާއި ތިރީ ރަވައެވެ. ލޮލުގެރަވައިގައި ހިމަ އިސްތަށިތަކެއް ފަޅާފައި ހުރެއެވެ. މިއީ އެސްފިޔައެވެ. މި އެސްފިޔަތަކުގެ ވާޖިބަކީ ލޮލާއި ދިމާލަށް އަންނަ ކުނޑި ނުވަތަ އެނޫންވެސް އެފަދަ އެއްޗަކުން ލޯ ރައްކާތެރިކޮށްދިނުމެވެ. ލޯ މަރާލުމުން ލޮލުގެ ދެ ރަވައިގައިވާ އިސްތަށިތައް ވަރަށް ފުރިހަމަ ލޯ ރައްކާތެރިކޮށްދޭނެއެވެ. ހަމަ އެއާއި އެކު ލޯ ހުޅުވާފައި ހުންނަ ވަގުތުވެސް މި އެސްފިޔަ ތަކުން ލޮލާއި ދިމާލަށް ދަތުރުކުރާ އެފަދަ ކުނޑިތަކުން ލޯ ރައްކާތެރިކޮށްދެއެވެ. ބައެއް މީހުން އެމީހުންގެ އެސްފިޔަތައް އުފެދިފައި ހުންނަގޮތުން ތަންކޮޅެއް ފަސޭހައިން ލޮލުގައި ކުނޑިޖެހޭގޮތްވެސް ދިމާވެދާނެއެވެ. އެއީ އެމީހަކު އުފެދުމުގައި ހުރި ކަމެކެވެ. މިފަދަ ހާލަތްތަކުގައި ބަލާ ރައްކާތެރިވުން އަމުދުން މުހިންމު ވާނެއެވެ.

ލޮލުގެ ރަވައިގައި ހުންނަ މި އެސްފިޔަތަކުގެ ބުޑުގައި ގިނަ އަދަދަކަށް ހިއްސު ދެނެގަންނަ ނާރު ހުރެއެވެ. އެއާއި އެކު ހަށިގަނޑުގައި ހުންނަ އެހެން ހުރިހާ އިސްތައްޓަކަށްވުރެ، އެސްފިޔައިގެ ހިއްސު ގަދައެވެ. އެސްފިޔައެއްގެ ކޮޅުގައި ކިތަންމެ ކުޑަ ނަމަވެސް އެއްޗެއް ބީހުނު ނަމަވެސް އިންސާނާއަށް އެކަން އިހުސާސް ކުރެވޭނެއެވެ. މި އިހުސާސްގެ ސަބަބުން އިންސާނާ ލޯ މެރޭގޮތްވެއެވެ. މިއީ ސިމްޕަތެޓިކް ނާވަސް ސިސްޓަމް އިން ފޮނުވައިދޭ މެސެކެވެ. މާނައަކީ އިންސާނާގެ ގަސްތަކާއި ނުލާ އޭނާއަަސް ކުރެވޭ އިޝާރާތެއް ނުވަތަ ހަރަކާތެކެވެ. މި ފުރިހަމަ ނިޒާމުގެ ސަބަބުން އެފަދަ ކުނޑިތަކުން މި ނާޒުކު ލޯ ރައްކާތެރިކޮށްދިނުމަށް އެސްފިޔަތައް އަދާކުރަނީ ވަރަށްވެސް މުހިންމު ދައުރެކެވެ.

ބައެއް ސިއްހީ މާހިރުން ދެކެލައްވާގޮތުގައި އިންސާ އަތުން ހަދާފައި ހުންނަ އެސްފިޔަ، ޒީނަތްތެރިވުމުގެ ގޮތުން ބޭނުންކޮށް އުޅުމަކީ އޭގެ ސަބަބުން ޤުދުރަތީ އެސްފިޔަ ތަކުގެ ބާރު ދެރަވެ، ހިއްސު ދަށްވެދާނޭ ކަމެކެވެ.

އިންސާނާ ދާހިއްލާ، ހޫނު އެރުމުން އެންމެ ގިނައިން ދާ އޮހޮރޭނީ އޭނާގެ ބޮލުންނެވެ. އެއާއި އެކު އުފެދޭ ދާތައް މަޑުމަޑުން އިންސާނާގެ ހަޑިގަނޑަށް ފައިބަމުން ދާނެއެވެ. އެފަދައިން ފައިބާ ދާތައް އިންސާނާގެ މޫނު މައްޗަށްވެސް ފައިބާނެއެވެ. މި ދާ ތަކުގައި ހަށިގަނޑުގައި ހުންނަ ބައެއް ބޭކާރު މާއްދާތައް އެކުލެވިގެން ވެއެވެ. އިންސާނާގެ ލޮލަށް މި ދާތިކިތައް ގޮސްފިނަމަ އޭގެ ސަބަބުން ލޯ ހިރުވާ ލޮލަށް އަލިޔާތަކެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންކަމުން އިންސާނާގެ ލޮލުގެ މަތީގައި އިންނަ ބުމަ އަކީ މިކަމުން ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. ބުމައިގެ ބައްޓަމުގެ ސަބަބުން ލޮލާއި ދިމާލައް ފައިބަމުންދާ ދާތިކިތަކުގެ މިސްރާބު ބަދަލުކޮށްލައެވެ. އެއާއި އެކު ދާތިކިތައް ލޮލުގެ ދެފަރާތުން ވާގޮތައް ފައިބައިގެން ދެއެވެ. ބައެއް ފަހަރަށް މިސްރާބު ބަދަލު ނުވެ ލޮލާއި ދިމާލަށް ފައިބާ ދަތިކިތައް ހުއްޓުވައިދެނީ އެސްފިޔައިގައި ހުންނަ އިސްތަށްތަކުންނެވެ.

މިއީ އިންސާނާގެ ސިއްހަތު ދުޅަހެޔޮކޮށް ލެހެއްޓެވުމަށާއި މި ނާޒުކު ލޮލުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އިންސާނާގެ ހަށިގަނޑުގައިވާ އަޖައިބެއްކަހަލަ ދެ ގުނަވަނެވެ. ބައެއްފަހަރަށް ބައެއް މީހުންނަށް މި ގުނަންތަކުގެ ހަގީގީ ބޭނުން ނޭނގި ހިނގައިދާނެއެވެ. ނަމަވެސް މި ލިޔުމުން ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ލިބޭނޭކަމަށް އުންމީދުކުރަމެވެ.