އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުގައި ރާއްޖެ ބަލިކޮށް އިންޑިއާ އިން އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. އިންޑިއާ އިން މި މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.
ރޭގެ ނަތީޖާއާއެކު އިންޑިއާ އަށް ގްރޫޕުގެ އެއްވަނަ ލިބުނީ ހަތަރު މެޗުން ހޯދީ 8 ޕޮއިންޓާއެކު އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ނޭޕާލް އޮތްއިރު، ހަ ޕޮއިންޓާއެކު ރާއްޖެ އަށް ލިބުނީ ތިންވަނަ އެވެ. ހަތަރުވަނައިގައި އޮތް ބަންގްލަދޭޝް އަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ސްރީ ލަންކާ އަށް ލިބުނީ އެއް ޕޮއިންޓެވެ.
އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި އިންޑިއާ އިން ނުކުންނާނީ މުބާރާތުގެ ފައިނަލުގައި މުޅިން އަލަށް ވާދަކުރާ ނޭޕާލާ ދެކޮޅަށެެވެ.
މި މެޗު ފަށައިގެން 26 ވަނަ މިނެޓުގައި އިންޑިއާ އިން ވަނީ ލީޑްނެގުމާ ގާތަށް ޖެހިލާފައެވެ. ހިލޭޖެހުމަކުން ޕެނަލްޓީއޭރިޔާތެރެއަށް ހުރަސްވީ ބޯޅަ އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އިންޑިއާ އިން މި މެޗުގައި ލީޑްނެގީ 32 ވަނަ މިނެޓުގައި މަންވީރް ސިންގް ކާމިޔާބުކުރި ގޯލުންނެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރާއްޖެ އަށް އެއްވަރުކޮށްދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް އިންޑިއާގެ ރާހުލް ބޭކޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ދަގަނޑޭ ޖެހި ތިންވަނަ ގޯލެވެ. އަދި ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ކާމިޔާބުކުރި 23 ވަނަ ލަނޑެވެ. ދަގަނޑޭގެ ކެރިއަރުގައި އިންޑިއާ ކޮޅަށް ވައްދާލި ފުރަތަމަ ގޯލު ވެސް މެއެވެ.
އިންޑިއާ އިން އަލުން ލީޑްނެގީ 62 ވަނަ މިނެޓުގައި މަންވީރް ދިން ބޯޅައަކުން ޗެތުރީ ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، ރާއްޖެ އަށް އެއްވަރުކޮށްދޭން ދަގަނޑޭ އަށް ލިބުނު ފުރުޞަތުގައި ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ އިންޑިއާގެ ކީޕަރު ގުރްޕްރީތު ސިންގް މަތަކުރިއެވެ. އަދި އޭގެފަހުން، މެޗުގެ 71 ވަނަ މިނެޓުގައި އިންޑިއާގެ ޕްރިތަމް ކޯޓަލް ހިލޭޖެހުމަކުން ނަގައިދިން ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޗެތުރީ ވަނީ އެ ޓީމަށް މޮޅު ކަށަވަރުކޮށްދީފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ޗެތުރީ ޖެހި ހަތަރުވަނަ ލަނޑެވެ.
ދެވަނަ ހާފުގެ ފަހު ބައިގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް، ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރުމުން ރީނދޫ ކާޑު ދައްކާފައިވާއިރު، އޭގެފަހުން މެޗު ނިމެން ދަނިކޮށް އޭނާ އަށް ދެވަނަ ރީނދޫ ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައިވެއެވެ. އަދި މެޗުގެ އިތުރުވަގުތުގައި އިންޑިއާގެ ޑިފެންޑަރު ސުބަޝިޝް ބޯސް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާފައެވެ.
