ފަލަސްތީނުގެ އެންމެ ހާލުބޮޑު އެެއް އަވަށްކަމުގައިވާ ޣައްޒާގެ ފެނުގެ %97 ތަޣައްޔަރުވެ، ކެއުމަށާއި ބުއިމަށް އަދި ސާފުތާހިރުވުމަށް ވެސް ބޭނުން ކުރެވޭ ވަރަށްވުރެ ފެނުގެ ކޮލިޓީ ދަށްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މީގެ ސަބަބުން އެއަވަށުގައި ފެނުގެ އަގު އުފުލި، ފެން ލީޓަރެއްގެ އަގު 7 ޑޮލަރަށް މިވަނީ އުފުލިފައެވެ.
ޣައްޒާގައި ދިރިއުޅެމުންދާ ގިނަ ބަޔަކަށް ފެން ގަތުމަށް މިވަނީ މަޖުބޫރުވެފައެވެ. ޣައްޒާގެ ގިނަ ސަރަހައްދުތަކަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާތާ ދުވަަސްތަކެއް ވެފައިވާއިރު، ފެނުގެ ހިދުމަތް ދެމުންގެންދިޔަ އިސްކުރުތަކުން މިހާރު ފެނެއް ނުލިބެއެވެ.
ތަޣައްޔަރު ވެފައިވާ ފެނުގެ ސަބަބުން ބަލިޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އަލްޝާޓީ ރެފިއުޖީ ކޭމްޕަށް ލިބޭ ފެން ހީވަނީ ލޮނުފެންކަމަށާއި، ބޯން ނުކެރޭ ކަމަށާއި، ކެއްކުމާއި އެހެން ކަންކަމުގައި ވެސް ފެން ބޭނުން ކުރަން ކަމުނުދާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެ ރެފިއުޖީ ކޭމްޕުގެ މީހުންނަށް ސަރުކާރުން ފޯރުކޮށްދޭ ފެން ލިބެނީ ހަފްތާއަކު ތިން ދުވަހުއެވެ. ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، ފެނުގެ އަގު އުފުލިފައިވާއިރު، ދަނޑުވެރިންގެ ދަނޑުތައް ވެސް އޭގެ ގެއްލުން ކުރަން ވަނީ ފަށާފައެވެ.
ފެނަކީ އަސާސީ ހިދުމަތަކަށްވާއިރު ޢައްޒާ ފެނަށްޖެހުމަކީ އޭގެ ބިރުވެރިކަން ބޮޑު ނުރައްކާވެސް ބޮޑުކަމެކެވެ. މިކަމުގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުގެ އަޑު މާ ބާރަށް ނީވޭކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
