އިންޑިޔާގެ ލަކްނޫގެ ރެއިލްވޭ އޮފިސަރެއްގެ އަންހެނުންނާއި އޭނާގެ 20 އަހަރުގެ ފިރިހެން ދަރިފުޅު ނިދާފައި އޮއްވާ ބަޑި ޖަހާ މަރާލައިފިއެވެ. މި ދެމީހުންގެ މަރާލާފައި ވަނީ އޮފިސަރުގެ 14 އަހަރުގެ އަންހެން ކުއްޖެކެވެ. ނަން ހާމަ ނުކުރާ މި ކުއްޖަކީ ބަޑި ޖެހުމުގެ ފަންނީ ތަމްރީން ލިބިފައިވާ ކުއްޖެއް ކަމާ މިހާރު ޑިޕްރެޝަންގެ މައްސަލައެއް ހުންނަކަށް ފާހަގަ ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެކަމަށް އާއިލާ އިން ހާމަ ކުރިއެވެ.

ކުޑަ ކުއްޖެއް ހިމެނޭ މައްސަލައެއް ކަމުން މި މައްސަލައިގެ ތަހުގީގު ގެންދަނީ އެހެން މައްސަލަތަކާއި ތަފާތު ކޮށެވެ. ސައިކައިޓްރިސްޓެއްގެ ހާޟިރުގައި މި ކުއްޖާ މިކަން ކުރި ސަބަބު އޮޅުން ފިލުވުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ދެމައިން މަރާލުމަށް ބޭނުންކޮށްފައިވަނީ ރެއިލްވޭ އޮފިސަރުގެ ނަމުގައި ލައިސަންސް ނަގާފައިވާ ބަޑިއެކެވެ.

މި ކުއްޖާއަކީ ކިޔެވުމަށް މޮޅު އަދި ކުޅިވަރުތަކުގައި ބައިވެރިވެ ވަރަށް ޙަރަކާތްތެރިކޮށް އުޅުނު ކުއްޖެއްކަމާ ނަމަވެސް ފަހުން ފަހުން އައިސް މި ކުއްޖާގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް އެކީގައި ކިޔަވާ ކުދިންވެސް ފާހަގަ ކުރެއެވެ. މި ކުއްޖާގެ ނޯޓްފޮތުގައި މާނަފުން ބަސްތައް ލިޔެ، ބިރުވެރި ކުރެހުންތައް ކޮޓަރީގައި ކުރަހާފައި ހުއްޓާ ފުލުހުންނަށް ވަނީ ފެނިފައެވެ.

ރެއިލްވޭ އޮފިސަރުގެ އަންހެނުންނާއި ފިރިހެން ދަރިފުޅު މަރާލީ، މިއަދު އޮފިސަރުގެ އުފަން ދުވަސް ފާހަގަ ކުރަން ތައްޔާރީތައް ވެފައިވަނިކޮށެވެ.