ތުރުކެމިނިސްތާނުގެ ހަނަފަސް ކަރަކުމް ސަހަރާގައި އުފެދިފައިވާ ”ގޭޓް އޮފް ހެލްގެ“ ނަމުން އާންމުން ނަންދީފައިވާ ކްރޭޓަރ ނުވަތަ ވަޅުގަނޑު ހުއްޓުމެއްނެތި އަނދާތާ 50 އަހަރުވެއްޖެ. މި ކްރޭޓަރ ނުވަތަ ވަޅުގަނޑަކީ 1971 ވަނަ އަހަރު ސޯވިއެޓުންގެ ބަޔަކު ބިންގަނޑު ތޮރުފުމުގެ ތެރޭގައި ގުދުރަތީ ގޭހުން ފުރިފައިވާ ތަނެއް ކޮނެވުމުގެ ސަބަބުން ކޮންނަށް ބޭނުން ކުރި ސާމާނާއި އެކު އެ ވަޅުގަނޑުގެ ތެރެޔަށް ގަނބައިގަނެ އުވެދިފެވާ ވަޅުގަނޑެއް.
މި ވަޅުގަނޑުގެ ފުޅާމިނުގައި 230 ފޫޓް ހުންނައިރު މި ވަޅުގަނޑު އުފެދިފައިވަނީ 350 މީހުންގެ އާބާދީއެއް އޮންނަ ދަރްވާޒާ އަވަށްގަނޑުގެ ކައިރީގައި. މި ވަޅުގަނޑުގެ ތެރެއިން ހުއްޓުމެއްނެތި ”މީތޭޭން“ ފަދަ ގޭސްތައް ޖައްވުގެ ތެރެއަށް ބޭރުވާން ފެށުމުން ސޯވިއެޓުން އެވަގުތު ނިންމީ ވަޅުގަނޑުގައި ހުޅުޖަހައި ރޯކޮށްލުމަށް. އޭރު ގަބޫލު ކުރެވުނު ގޮތުގައި ހަފްތާއެއްހާ ދުވަހުން އެއަލިފާން ގަނޑު ނިވޭނެ. ނަމަވެސް 50 އަހަރު ފާއިތުވީ އިރު އަދިވެސް އެވަޅުގަނޑު ހުރީ އަނދައަނދާ. މި އަޖައިބު ކުރަނިވި މަންޒަރު ބަލާލުމަށް ދުނިޔޭގެ ކަންކޮޅުތަކުން މީހުން ޒިޔާރަތް ކުރާތީ މިހާރު ތުރުކެމެނިސްތާނުގެ ސަރުކާރުން އެ ވަޅުގަނޑަކީ ހާއްސަ ޓުއަރިސްޓު އެޓްރެކްޝަނެއްގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައި. މި އަޖައިބު ކުރަނިވި މަންޒަރު ދެކިލުމަށް ގިނަ ބަޔަކު އެސަރަހައްދުގައި ކޭޭމްޕް ކުރާ ކަމަށްވެސް ފާހަގަ ކޮށްފައިވޭ.