ކަންފަތަށްއެއްޗެހި ނުކޮށްޕާށޭ ބުނާތީ ގިނަ މީހުން އަޑުއަހާނެއެވެ. ކަރުންމަތީގެ ހާއްސަ ޑަކްޓަރުންވެސް ދޭނޭ ލަފައަކީ ނުވަތަ އިރުޝާދަކީ އާދަވެ ކަންފަތަށް އެއްޗެހި ނުކޮއްޕުމެވެ. މިފަދައިން އާދަވެ ކަންފަތަށް ކޮއްޕޭ އެއްޗަކީ ކަފަބުރެވެ. ނުވަތަ ކަންފަތްސާފުރާ ބުރެވެ. 

ހަގީގަތަކީ ކަންފަތަކީ ޤުދުރަތީގޮތުން ސާފުވަމުން ދާ ނުގަވަނެކެވެ. ކަންފަތުގެ އެތެރޭގައި އުފެދޭ މަޑު، ނުވަތަ ކަންފަތުގެ އެތެރޭގައި ހަރުލާ ފެން، އޭގެ ޒާތަށް ކަންފަތުން ބޭރުކުރުމުގެ ޤާބިލުކަން ކަންފަތަށް ލިބިގެންވެއެވެ. އިންސާނާގެ އަނގަ ހަރަކާތް ކުރާ ކުރުމާއި، ނޭފަތާއި ކަންފަތާއި ގުޅުވައިދޭ ހޮޅީގެ ޕުރެސަރާއި، އިންސާނާގެ ކަންފަތުގައި ޖެހޭ އަޑުތަކުގެ ސަބަބުން ކަންފަތަށް އަންނަ ވައިބްރޭޝަންތަކަކީ ކަންފަތުގެ އެތެރޭގައި ޖަމާވެފައި ހުންނަ އެއްޗެހި ކަންފަތުން ބޭރަށް ނިކުތުމަށް އެހީތެރިވެދޭ ކަންކަމެވެ. ކަން މިހެން ހުރުމާއެކު، އާދަވެ ކަންފަތަށް އެއްޗެހި ނުކޮއްޕާށޭ ބުނުމުން، ކަފަބުރު އުފައްދަނީ ދެން ކޮން ބޭނުމެއްގައިތޯ ސުވާލު އުފެދިދާނެއެވެ.

އާދޭހެވެ. ކަފަ ބުރަކީ ކަންފަތް ސާފުކުރުމުގެ ނިޔަތުގައި އުފައްދާ ވިއްކަމުންދާ އެއްޗެކެވެ. ނަމަވެސް އިންސާނާގެ ކަންފަތް ސާފުކުރަން ޖެހޭނެ ހަމަ އެކަނި ހާލަތަކީ ކަންފަތުގައި މަޑު ހަރުލާ، ނުވަތަ ފެން ހަރުލުމުންނެވެ. މަޑުކޮޅެއް އުފެދޭ އިރަށް ސާފު ކުރުމެއް ނުވެއެވެ. އެހެނީ އޭގެ ޠަބީއަތުގައި އެ މަޑުކޮޅު ކަންފަތުން ބޭރުވެދާނެތީއެވެ. ނަމަވެސް ކަންފަތުގައި ހަރުލާ ނުވަތަ ތާށިވެފައިވާނަމަ ސާފު ކުރުން މުހިންމެވެ.

މިފަދައިން ސާފު ކުރާނަމަ، ކަފަބުރެއް ކަންފަތުގެ ތެރެއަށް ކޮއްޕާނަމަ ހަރުލާފައި ހުންނަ މަޑުކޮޅު އެތެރެއަށް ދާގޮތް ދިމާވެދާނެއެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ކަންފަތް ސާފު ކުރާނަމަވެސް ވީހާވެސް ހިމަ ކަފަ ބުރަކުން ސާފުކުރަން ސަމާލުކަން ދޭށެވެ.

ކަންފަތް ސާފުކުރުމުގައި އެންމެ މޮޅު ގޮތަކީ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމެވެ. އެ ފުރުސަތު ނުލިބޭނަމަ، ކަންފަތަށް ކުޑަ ތެޔޮފޮދެއް (ކާށިތެޔޮ، ޒައިތޫނިތެޔޮ) ޖައްސާލެވިދާނެއެވެ. އެއާއި އެކި ކަންފަތުގައި ތާށިވެފައިވާ މަޑުކޮޅު ބޭރަށް ނިކުމެދާނެއެވެ. ބައެއް ފަހަރަށް ކަންފަތަށް ފެން އުޅުމަކީވެސް ބައެއް މީހުންނަށް ފައިދާ ކުރާކަމެކެވެ. ކަންފަތް ސާފުކުރުމަށް އެންމެ ކަމުދާ ތިކިތަކުގެ ތެރޭގައި ހައިޑްރޮޖެން ޕެރޮކްސައިޑް އެކުލެވޭ ތިކިތަށް ހިމެނެއެވެ. މި މާއްދާގެ ސަބަބުން އެފަދައިން ތާށިވެފައި ހުންނަ އެތިކޮޅުކޮޅުތަށް ފަސޭހަ ކަމާއި އެކު ކަންފަތުން ބޭރުކޮށްލާނެއެވެ.

ކަންފަތް ސާފުކުރުމަށް، އާދަވެ ކަފަބުރު ބޭނުން ކުރުމަކީ އެދެވޭކަމެއް ނޫނެވެ. މިހެން ދެންނެވުމުން، އެކަން އެގޮތަށް ކުރާ ފަރާތްތަކުން، އެކަން އެގޮތައް ކުރުމަކުން ގެއްލުމެއް އަނިޔާއެއް ނުވާކަމަށް ބުނެފާނެއެވެ. އާދޭހެވެ! އަނިޔާއެއް ލިބުން ކޮންމެހެން މަޖުބޫރެއް ނޫނެވެ. ނަވެސް ނުރައްކާ ބޮޑުވެފައި ފުރުސަތު ބޮޑުވާނެކަން ހަމަ ޔަގީނެވެ. އެހެންކަމުން ކަންފަތް އަމިއްލައަށް ސާފު ވުމަށް ދޫކޮށްލާށެވެ. އޭގެ މާނައަކީ ކަންފަތުގެ ސާފުކަމާއި މެދު އިންސާނާ ފަރުވާކުޑަކޮށް ދޫކޮށްލާ ވާހަކައެއް ނޫނެވެ. އެކަންކަމަށް ފަރުވާވެ ސަމާލުކަން ދީގެން އުޅެން ވާނެއެވެ.

ކޮންމެ މީހަކީވެސް އެމީހެއްގެ ކަންފަތަށް ބަލާ، ސާފު ކަންފަތެއް ގެންގުޅޭ އެކަންފަތަށް އަޑު އިވޭ، އެ އިވޭ އަޑަކާއި މެދު ވިސްނާ ބަޔަކަށް ވާން ވާނެއެވެ. އަދި ކަންފަތް ސާފުކުރުމަށް ކަމަށްބުނެ އާދަވެ ކަންފަތަށް އެއްޗެހި ކޮށްޕާ މީހަކަށް ނުވަމާތޯއެވެ.