ކައިވެންޏަކީ ވަރަށް މަތިވެރި ގުޅުމެކެވެ. ވަރަށް މާތް އަގުދެކެވެ. ކައިވެނީގެ ގޮތުން ދެމީހަކު ގުޅެނީ އެމީހުންގެ ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ދެމީހުން އެކުގައި ހޭދަކޮށް އެކެއް އަނެކެއްގެ ކިބައިން އުފަލާ ހިތްހަމަޖެހުން ހޯދުމަށެވެ. ކައިވެނި ވެވޭ އަންހެނާ ނުވަތަ އަނބިމީހާ އަކީ އަބަދުވެސް ފިރިމީހާއަށް ކިޔަމަންތެރި ވާން ޖެހޭނޭ މީހެކެވެ. އެހެނީ ފިރިމީހާ އުރެދުމަކަށް އަމުރުނުކުރާހާ ހިނދެއްގައެވެ. ނަމަވެސް ބައެއް ފަހަރު، ބައެއް ހާލަތްތަކުގައި ފިރިމީހާގެ މައްޗަަށް އަނބިމީހާ އަމުރުކުރާ ހާލަތްތައް އާދެއެވެ. މިޔަށް ދިވެހިން، އަނބިދަށުވުމޭ ކިޔައެވެ.
އާދޭހެވެ! ފިރިމީހާއާއި އާއިލާގެ ކަންކަން ރާވާ ތަރުތީބު ކުރުމުގައި އަނބިމީހާގެ ބަހަކީ ވެސް ބޭނުންތެރި، އަގު ހުރި ބަހެކެވެ. އަނބިމީހާގެ ލަފައާއި އިރުޝާދަކީ ފިރިމީހާއަށް ބޭނުންވެސް ވާނޭ އެއްޗެކެވެ. ނަމަވެސް އެއީ ފިރިމީހާގެ މައްޗަށް އަމުރުކުރުމަށް އޮތް އުޒުރެއް ނޫނެވެ. ހިޔާލާއި ލަފާ ދިނުމާއި، އެއްބާރުލުމާއި އިރުޝާދު ދިނުމާއި އަމުރުކުރުމަކީ ދުވާލާއި ރޭގަނޑު ފަދައިން ތަފާތު ބޮޑު ދެކަންކަމުގައި ގަބޫލުކުރަން ޖެހޭނެއެވެ.
ޒަމާނާއި އެކު އުފެދި ތަރައްގީވަމުންދާ މުޖުތަމައުތަކުގައި، އަންހެނުން ބާރުވެރި ކުރުމާއި އަންހެނުންގެ ހައްގުތަކުގެ ވާހަކަ ދައްކައެވެ. މިއީ ވަރަށް ފުޅާކޮށް ވަރަށް ގަދަޔަށް މުޅި ދުނިޔޭގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. އާދޭހެވެ! އަންހެނާއަށް ވެސް އޭނާއަށް ބާރު ފޯރުވެން ޖެހޭ ކަންކަމުގައި ބާރު ފޯރުވެން ޖެހޭނެއެވެ. އަދި އަންހެނާއަށްވެސް އޭނާއަށް އޮތް ހައްގެއް ގެއްލިގެން ދިޔަ ދީގެންވެސް ނުވާނެއެވެ.
ފިރިމީހާގެ މައްޗަށް އަމުރުކުރުމަކީ އަނބިމީހާއަށް އޮތް ބާރެއް ނޫނެވެ. ނަމަވެސް އަންހެނުން ބާރުވެރި ވަމުންދާ މި ޒަމާނުގައި ފިރީންގެ މައްޗަށް އަމުރުކުރާ އެތައް އަނބިންނެއް އުޅެއެވެ. މިއީ ހަގީގަތުގައި ވަރަަށްވެސް ބޮޑަށް ސަމާލުކަން ދޭންޖެހޭނޭ ކަމެކެވެ. މަޝްހޫރު ދިވެހި ލަވައެއްގައި ޅެންވެރިޔާ ވިދާޅުވެފައިވެއެވެ. "މަސްލަހަތު ނެތް އަނބިންނޭ، ކޯފާއެކޭ މި ބިމުގައި" ވަރަށްވެސް ބޮޑު ތެދުފުޅެކެވެ. އިސްވެ ދެންނެވުނު ފަދައިން އަނބިންނަކީ ތިމާމެންގެ ދިރިއުޅުން އެކުގައި ހޭދަކުރަން ހުރި ހަޔާތުގެ ބައިވެރިޔާއެވެ. އަނބިމީހާއަކީ މަސްލަހަތެއް ނެތް، ވިހަގަދަ ހަރުފައަކަަށް ވެއްޖެނަމަ، ދުނިޔޭގައި ފިރިމީހާ ހޭދަން ކުރަންޖެހޭ ދުވަސްތަކުގައި އެ ވިހައިގެ ކޯފާތައް އެ ފިރިމީހާއަަށް އަމާޒުވާނެއެވެ. އެހެންކަމުން އެއީ މުޅި ދިރިއުޅުން ބަރުބާދުވެ ހިގައިދާނޭ ކަމެކެވެ.
އަނބިންނަކީ ފިރިންގެ އަމުރަށް ބޯލަނބަންޖެހޭނޭ ބައެއްކަން ދަލީލުކޮށްދެނީ އެއް ފިރިހެނަކަަށް (ކުޅަދާނަ ވެގެންވާނަމަ) 4 އަނބިން ހުއްދަކަމަށް އިސްލާމްދީނުގައި ބަޔާންވެފައި ވުމުންނެވެ. އެއް އަންހެނަކަަށް ހުއްދައީ ހަމަ އެންމެ ފިރިއެކެވެ. މިކަމުގެ ހިކުމަތަކީ ގިނަ ފިރިންގެ އަމުރަަށް އެކަކަށް (އެއް އަނބިމީހާއަަށް) ކިޔަމަންވުމަކީ މުސްތަހީލުކަމަކަށް ވުމެވެ. ވީއިރު މިކަން ކަމުން އެނގި ހާމަވާ އެއްކަމަކީ އަނބީންނަކީ، ފިރިން ކުރާ ކޮންމެ އަމުރަކަށް (އުރެދުމަކަަށްނުވާ) ކިޔަމަންވާން ޖެހޭނޭ ބައެއްކަމެވެ.
އިންސާނާ ނުވަތަ އަންހެނާ ކިތަންމެ ބާރެއް ހޯދާ ލިބިގަތަސް، ފިރިމީހާގެ މައްޗަށް އަމުރުކުރުމެއް އެކަނބުލޭގެ އަކަށް ނުވެއެވެ. ނަމަވެސް ފިރިމީހާއަަށް ލަފާ ދިނުމާއި އިރުޝާދު ދިނުމާއި ހިޔާލު ދިނުމަކީ ކުރަންޖެހޭނޭ ކަމެކެވެ. އެއްވެސް އަންބަކީ މަސްލަހަތު ނެތް އަންބަކަށް ނުވަމާތޯއެވެ.