ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެންޖާސް ކޮޅަށް ފަހުވަގުތު ކިލިއަން އެމްބާޕޭ ވައްދާލި ޕެނަލްޓީއާއެކު ޕީއެސްޖީން މުހިއްމު މޮޅެއް ހޯދައިފިއެވެ. މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 އިންނެވެ.

ރޭގެ ނަތީޖާއާއެކު އެއްވަނައިގައި އޮތް ޕީއެސްޖީ އަށް 10 މެޗުން ވަނީ 27 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި ނުވަ މެޗުން ހޯދީ 18 ޕޮއިންޓާއެކު ލެންސް އޮތްއިރު، ނީސް އަށް 8 މެޗުން ލިބުނު 16 ޕޮއިންޓާއެކު އޮތީ ތިންވަނައިގައެވެ. މިއަދަދަށް ޕޮއިންޓް ލިބިގެން ހަތަރުވަނައިގައި އެންޖާސް އޮތީ ލަނޑުގެ ތަފާތުންނެވެ.

ޕީއެސްޖީން ރޭގެ މެޗަށް ނިކުތީ ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އާއި ބްރެޒިލް ކުޅުނު މެޗުތަކަށްފަހު އެ ޓީމުތަކަށް ނިސްބަތްވާ ކުޅުންތެރިންނާ ނުލައެވެ. އެގޮތުން، ރޭގެ މެޗުގައި އާޖެންޓިނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އެންހެލް ޑި މާރިއާގެ އިތުރުން ލެއަންޑްރޮ ޕަރެޑޭސް އަދި ބްރެޒިލްގެ ކުޅުންތެރިން ކަމަށްވާ ނޭމާ އާއި މާކީނޯސް ނުކުޅެއެވެ.

ޕާކް ޑެސް ޕްރިންސަސްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ އެންޖާސް އިންނެވެ. ފުރަތަމަ ހާފު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް އެ ޓީމަށް މިލަނޑުޖަހައިދިނީ އެންޖެލޯ ފުލްޖިނީ އެވެ. މި މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީން ނަތީޖާ ހަމަހަމަކުރީ ޕޯޗުގަލްގެ މިޑްފީލްޑަރު ޑަނީލޯ ޕެރޭރާ ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ 69 ވަނަ މިނެޓުގައި ޕެރޭރާ މިލަނޑުޖެހީ އެމްބާޕޭ ދިން ބޯޅައަކުންނެވެ.

ޕީއެސްޖީ މޮޅުވި ލަނޑު، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މިއީ އެ ޓީމުގެ ފޯވާޑް މައުރޯ އިކާޑީ ބޮލުން ޖެހި ބޯޅައެއްގައި އެންޖާސްގެ ޕިއޭރް ކަޕޭލޭ އަތްލި ކަމަށް ބަލާފައި ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ ލީގުގައި އެމްބާޕޭ ޖެހި ފަސްވަނަ ގޯލެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ޖެހި ފުރަތަމަ ލަނޑެވެ.