ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އިޖްތިމާއީ މައިޒާންތަކާއި އާންމު ސަރަހައްދުތައް ހުރެއެވެ. އާންމުން އެއްވެލާ ހިތްއުފާކޮށްލާނޭ މައިޒާންތައް ހުރެއެވެ. މިފަދަ އާންމު ކޮންމެ ތަނެއްގައި ނުވަތަ އެފަދަ ބޮޑެތި މައިޒާންތައް ނުވަތަ ޕާކުތަކުގައި އާންމުން ބޭނުންކުރުމަށް އާންމު ފާހާނާ ބަރިތައް ހުރެއެވެ. މިއީ އިޖްތިމާއީގޮތުން ދެވޭ ވަރަށްވެސް ބޮޑު ހިދުމަތެކެވެ. ބައެއް ތަންތަނުގައި ފައިސާ ދައްކައިގެން ބޭނުން ކުރެވޭ މިފަދަ ފާހާނާތައް ހުރެއެވެ.

އާންމު މިފަދަ ފާހާނާ ބަރިތަކަކީ އޭގެ ބޭނުން ވަރަށްވެސް ގިނަ ބަޔަކު ކުރާ ތަންތަނެވެ. އެކި މިޒާޖުގެ އެކި އާދަތައް ގެންގުޅޭ މީހުން ބޭނުން ކުރާނޭ ތަންތަނެވެ. އެއްބަޔަކު އެފަދަ ފާހާނާ ތަކަށް ކުޑަކަމުދާއިރު، އަނެއްބައި މީހުން ބޮޑުކަމުދިއުމަށްވެސް އެފާހާނާތައް ބޭނުން ކުރެއެވެ.

މިފަދައިން ގިނަ ބަޔަކު ބޭނުން ކުރާ މިފަދަ ފާހާނާތަކަކީ ވަރަށްވެސް ސާފުތާހިރުކޮށް ބަހަލަހައްޓަންޖެހޭނޭ ތަންތަނެވެ. އެހެނީ އެތަންތަނުގެ މުޑުދާރުކަމީ އޭގެ ސަބަބުން ވަރަށް ގިނަ ބަލި ފެތުރި ސިއްހަތަށް އޭގެ ގެއްލުން ލިބިދާނޭ ކަމެކެވެ. އެހެންކަމުން މިފަދަ ފާހާނާތައް ސާފު ކުރުމަށް ވަރަށްވެސް މުހިންމު ސަމާލުކަމެއް، މަސްއޫލުވެރީން ދޭންވާނެއެވެ.

އާންމުފާހާނަ ތަކުގައި އަތްދޮވުމުގެ ނިޒާމު ގާއިމުވެފައި ހުންނަން ޖެހޭނެއެވެ. ނަމަވެސް ހިތާމައަކީ ނަމެއްގައި ހުސް ފުޅި ނުވަތަ އެއްވެސް އަތްދޮންނަ ފުޅިއެއްވެސް ނުހުންނަ މިފަދަ ފާހާނާތައް ކިތަންމެހާވެސް ގިނައެވެ. ފާހާނާ ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަކީ ކޮންމެހެން ކުރަންޖެހޭނޭ ކަމެވެ. އަތުގައި ހުންނަ ޖަރާސީމުތަކާއި ނަޖިސް، ރީތިކޮށް ސާފުކުރުމަށް ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން މުހިންމެވެ. އަދި އަތް ދޮންނަ އިރުގައި އަމަލުކުރަންޖެހޭ ތަރުތީބުން އެކަން ކުރުމަށްވެސް ސަމާލުކަން ދޭންވާނެއެވެ. އެފަދަ އާންމު ފާހާނާތަކުގައި މި ތަރުތީބު ދައްކުވައިދޭ ތަސްވީރުތައް ބޭނުންކުރަން ޖެހޭނެއެވެ. އާންމު ސިއްހަތައް ރައްކާތެރިވެ ސިއްހީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މިފަދަ އާންމު ތަންތަނާއި އެތަންތަނުގެ މަސްއޫލުވެރިންގެ ޒިންމާ ވަރަށްވެސް ބޮޑެވެ.

މިހާރަކަށް އައިސް މިފަދަ އާންމު ފާހާނާ ބަރިތަކުގައި މުޅިންވެސް ފެންނަނީ ފާހާނާ ކުރުމަށް އުސް-ތަށި ބަހައްޓާފައި ހުންނަ މަންޒަރެވެ. މިއީ އިށީނދެ އިނދެގެން ފާހާނާ ކުރަން ފަސޭހައަކަށް ގާއިމުކޮށްފައިވާ ނިޒާމެކެވެ. އެހެންނަމަވެސް މިފަދަ އާންމު ފާހާނާ ތަކުގައި އެންމެ ރައްކާތެރިގޮތަކީ ތިރި-ތަށި ބޭނުން ކުރުމެވެ. އެހެނީ އެ ފާހާނާތަކަށް އެތައް ބަޔަކު ވަދެ އޭގެ ބޭނުން ކުރަމުން ދާއިރު، އުސް-ތަށި ހުންނަ ނަމަ އެ ތަށިތަކުގެ ތުންފަތުގެ ސާފުތާހިރުކަމާއި މެދު ސުވާލު އުފެދޭނެތީއެވެ. ކޮންމެ މީހަކުވެސް އައިސް ތަށީގައި އިށީނދެ ހަދާނެއެވެ. އެއާއި އެކު އެ ތަށީގެ ތުންފަތުގައި ހުންނަ ޖަރާސީމުތައް އޭނާގެ ގައިގައި އުނގުޅޭނެއެވެ. މިއީ މިކަން ހިނގާގޮތެވެ. ފަހަރުގައި މިއީ ދެން ވަރަށްވެސް އާދައިގެ ކަމެއްކަމަށް ހީވެދާނެއެވެ. ނަމަވެސް އެ ޖަރާސީމުތައް އިންސާނާގެ ލޮލަށް ފެންނަ ނަމަ އޭނާ އެފަދަ އުސް-ތައްޓެއްގައި ނުއިށީންނާނޭކަން ޔަގީނެވެ.

މިއާއި ހިލާފަށް ތިރި-ތަށި ބޭނުން ކުރާނަމަ، އެ ތަށިތަކުގައި އިންސާނާގެ އެއްވެސް ހިސާބެއް ބިހޭކަށް ނުޖެހޭނެއެވެ. އެހެންކަމުން އެފަދަ ތަށިތަކުން ގައިގައި ހޭކެ ނުވަތަ އުނގުޅޭ ޖަރާސީމެއް ނުހުންނާނެއެވެ. މިހެން ދެންނެވުން، ތިރި-ތަށި ހުންނަ ނަމަ ތަށީގެ ބޭރަށް ކުޑަކަމުދެވި ތަނުގެ މުޑުދާރުކަން އިތުރުވެދާނޭ ކަމަށް ބުނެފާނެެވެ. އާދޭހެވެ. ތިރި-ތަށި ހުރުމަކީ އޭގެ ބޭރަށް ކުޑަކަމު ދެވެންވީ ސަބަބެއް ނޫނެވެ. ފަރުވާވެ ސަމާލުވާނަމަ އެކަން އެހެނަކުން ނުހިނގާނެއެވެ.

ކަންމިހެން ހުރުމާއި އެކު މިފަދަ އާންމު އިޖްތިމާއީ ފާހާނާ ތަކުގައި އުސް-ތަށި ބެހެއްޓުމަށްވުރެ، އާންމު ސިއްހަތަށް އެންމެ އެދެވޭނެ އަދި ރައްކާތެރި ގޮތަކީ ތިރި-ތަށި ބެހެއްޓުމެވެ.