އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި މިރޭ ނޭޕާލްގެ މައްޗަށް 3-0 އިން ހޯދީ މޮޅާއެކު އިންޑިއާ އިން މުބާރާތުގެ ޗެމްޕިއަންކަން 8 ވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.
މީގެކުރީން، އިންޑިއާ އިން ވަނީ 1993، 1997، 1999، 2005، 2009، 2011 އަދި 2015 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެ ޓީމުން 2008 އާއި 2018 ގައި ދިވެހިރާއްޖެ އަތުން ފައިނަލްގައި ބަލިވިއިރު، 1995 ވަނަ އަހަރުގެ ފައިނަލްގައި ބަލިވީ ސްރީ ލަންކާ އަތުންނެވެ. އަދި އޭގެފަހުން، 2013ގެ ފައިނަލްގައި އަފްޣާނިސްތާން އަތުން ވެސް ވަނީ ބަލިވެފައެވެ.
މިރޭގެ މެޗަށް ދެ ޓީމުން ނިކުތްއިރު ވެސް ސަސްޕެންޝަނުގެ ސަބަބުން ބެންޗުގައި ހެޑް ކޯޗުން ނެތެވެ. އެންމެ ފަހުން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް ރަތް ކާޑު ދެއްކިއިރު، ނޭޕާލްގެ ކޯޗު އަބްދުﷲ އަލްމުތައިރީ އަށް މި މެޗު ގެއްލުނީ ދެ ރީނދޫ ކާޑު ހަމަވުމުންނެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި ހާފުގައި އިންޑިއާގެ ކެޕްޓަން ސުނީލް ޗެތުރީ އަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އޭގެތެރެއިން އެއް ހަމަލާ ހުރަސްދަނޑިމަތިން ބޭރަށްދިޔައިރު، އަނީރުދް ތާޕާ ހުސްކޮށްލާފަ ދިން ބޯޅަ ޗެތުރީ ފޮނުވާލުމުން ނޭޕާލްގެ ކީޕަރު ކިރަން މަތަކުރިއެވެ.
އިންޑިއާ އިން މި މެޗުގައި ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި ޗެތުރީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ޕްރިތަމް ކޯޓަލް ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ޗެތުރީ ކާމިޔާބުކުރި ގޯލެކެވެ. މިލަނޑު ޖެހިތާ މިނެޓެއްގެތެރޭގައި ސުރޭޝް ސިންގް ވަނީ އިންޑިއާ އަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. މިއީ އެ ޓީމުގެ މުހައްމަދު ޔާސިރު ދިން ބޯޅައަކުން ސުރޭޝް ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ އިތުރުވަގުތުގައި އިންޑިއާގެ ތިންވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޝަހާލް އަބްދުލް ސަމަދު އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ފަހު ހާފުގައި ކުޅެން ނިކުތް ރަހީމް އަލީ އެވެ.
މި މެޗުގައި ވައްދާލި ލަނޑާއެކު އިންޑިއާގެ ފޯވާޑް އަދި ކެޕްޓަން ޗެތުރީ ވަނީ މުބާރާތުގައި 5 ގޯލް ޖަހާފައެވެ. މިއާއެކު، މި ފަހަރުގެ މުބާރާތުގެ ރަން ބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ވެސް ޗެތުރީ އެވެ. އޭނާ ވަނީ މުބާރާތުގެ ތާރީޚުގައި 18 ލަނޑުޖަހާފައެވެ. ސާފްގެ މުބާރާތްތަކުގައި މިހާތަނަށް 23 ގޯލްޖަހައިގެން އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް އޮތީ ރާއްޖޭގެ އަލީ އަޝްފާގް އަތުގައެވެ.
