އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ބްރެންޓްފޯޑް ބަލިކޮށް ޗެލްސީން ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު، ލެސްޓާ ސިޓީން ވަނީ ޔުނައިޓެޑުން ލީގުގައި ރަށުން ބޭރުގައި ބަލިނުވެ ދަމަހައްޓަމުންއައި ރެކޯޑް ނިމުމަކަށް ގެނެސްފައެވެ.
ބްރެންޓްފޯޑްގެ ދަނޑުގައި ޗެލްސީ 1-0 އިން މޮޅުވިއިރު، ލެސްޓާ އިން ވަނީ އަމިއްލަ ދަނޑުގައި ފަހަތުންއަރައި 4-2 އިން ޔުނައިޓެޑް ބަލިކޮށްފައެވެ.
މިރޭގެ މެޗުން ބަލިވުމާއެކު ޔުނައިޓެޑުން ރަށުން ބޭރުގައި ބަލިނުވެ ދަމަހައްޓަމުންއައި ރެކޯޑް 29 މެޗަށްފަހު ވަނީ ނިމުމަކަށް އައިސްފައެވެ. ޔުނައިޓެޑް އެންމެ ފަހުން ރަށުން ބޭރުގައި ލީގުގައި ކުޅުނު މެޗަކުން ބަލިވީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު ލިވަޕޫލް އަތުންނެވެ.
ޗެލްސީ އަލުން އެއްވަނަ އަށް އެރީ ކުޅުނު 8 މެޗުން ހޯދީ 19 ޕޮއިންޓާއެކު އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް 17 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، 15 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތީ ބްރައިޓަން އެވެ.
ކިންގްޕަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން 19 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ޔުނައިޓެޑުންނެވެ. ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން އެ ޓީމަށް މިލަނޑުޖަހައިދިނީ އިނގިރޭސި ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ.
އޭގެ 12 މިނެޓުފަހުން، ލެސްޓާ އަށް އެއްވަރުކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓީލަމެންސް އެވެ. މިއީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލެސްޓާގެ ނައިޖީރިއާ ފޯވާޑް ކެލެޗީ އިހެނާޗޯ ދިން ބޯޅައަކުން ޓީލަމެންސް ކާމިޔާބުކުރި ރީތި ގޯލެކެވެ.
ލެސްޓާ އިން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނެގީ 78 ވަނަ މިނެޓުގައި އަޔޯޒޭ ޕެރޭޒް ދިން ބޯޅައަކުން ޝަގްލާ ސޮޔުންޗޫ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ހަތަރު މިނެޓުފަހުން، ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އެވެ. މިއީ އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައި ރަޝްފޯޑް މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ.
ޔުނައިޓެޑުން އެއްވަރުކުރިތާ 54 ވަރަކަށް ސިކުންތުގެ ތެރޭގައި ލެސްޓާ އަލުން ލީޑްނަގައިދިނީ އަބަދަށްފެހި ފޯވާޑް ޖެމީ ވާޑީ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އެއް ފަހަރުން ފޮނުވާލި ހަމަލާއަކުން ވާޑީ ކާމިޔާބުކުރި ގޯލެކެވެ. މިލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ފަހު ހާފުގައި ކުޅެން ނިކުތް ޕެރޭޒް އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ލެސްޓާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ޕެޓްސަން ޑަކާ އެވެ. މި ގޯލާއެކު ޑަކާ ވަނީ ޕްރިމިއާ ލީގުގައި ލަނޑުޖެހި ޒެމްބިއާގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން މިރޭ ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގައި ޖަހައިދިނީ އިނގިރޭސި ފުލްބެކް ބެން ޗިލްވެލް އެވެ. މި މެޗުގައި ބްރެންޓްފޯޑްގެ ބްރަޔަން އެމްބުއެމޯ ފޮނުވާލި ދެ ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، އެ ޓީމުގެ ފޯވާޑް އިވާން ޓޯނޭ އާއި ސަމަން ގޮޑޮސްގެ އިތުރުން ޕޮންޓަސް ޔަންސަން އަދި ކްރިސްޓިއަން ނޯގާޑް އޯވަހެޑް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ އެވެ. އޭނާ ވަނީ މި މެޗުގައި ހަ ސޭވް ކޮށްފައެވެ.
ލީގުގައި މިރޭ ލިވަޕޫލުން ރަށުން ބޭރުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ވަޓްފޯޑް ބަލިކުރިއިރު، އެ ޓީމުގެ ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނޯ ވަނީ ހެޓްރިކް ހަދާފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި އަނެއް ދެލަނޑުޖަހައިދިނީ މުހައްމަދު ސަލާހު އާއި ސަޑިއޯ މާނޭ އެވެ. މި މެޗުގައި ޖެހި ގޯލާއެކު މާނޭ ވަނީ ޕްރިމިއާ ލީގުގައި 100 ލަނޑު ހަމަކޮށްފައެވެ. މިއާއެކު، މާނޭ ވަނީ ލީގުގައި 100 ގޯލް ހަމަކުރި އެފްރިކާ އަށް ނިސްބަތްވާ ތިންވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެ ކުރިން 100 ގޯލު ޖެހީ ސަލާހާއި ޗެލްސީގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ އެވެ.
މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސިޓީން އަމިއްލަ ދަނޑުގައި 2-0 އިން ބާންލީ ބަލިކުރިއިރު އެ ޓީމުގެ ގޯލްތައް ޖަހައިދިނީ ކެވިން ޑި ބްރޭނާ އާއި ބެނާޑޯ ސިލްވާ އެވެ. ވުލްވްސް އިން ރަށުން ބޭރުގައި ފަހަތުންއަރައި 3-2 އިން އެސްޓަން ވިލާ އަތުން މޮޅުވިއިރު، ސައުތެމްޓަނުން ވަނީ 1-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ. ނޯވިޗް ސިޓީގެ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
