އިޓާލިއަން ސެރިއޭގައި ރޭ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ހެލާސް ވެރޯނާ ބަލިކޮށް އޭސީ މިލާން އެއްވަނަ އަށް ޖެހިލިއިރު، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ރަށުން ބޭރުގައި ލާޒިއޯ އަތުން 3-1 އިން ބަލިވެއްޖެއެވެ.

ރޭގެ ނަތީޖާއާއެކު މިލާނަށް އެއްވަނަ ލިބުނީ ކުޅުނު 8 މެޗުން ހޯދީ 22 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އެއް މެޗު މަދުން ކުޅެގެން 21 ޕޮއިންޓާއެކު ނަޕޯލީ އޮތްއިރު، އިންޓަ އޮތީ 17 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް އޭއެސް ރޯމާ އަށް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ލާޒިއޯގެ ސްޓާޑިއޯ އޮލިމްޕިކޯގައި ރޭ ކުޅުނު މެޗު ފެށިގެން 12 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ އިންޓަ އިންނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މިލަނޑުޖަހައިދިނީ އިވާން ޕެރިސިޗް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ އިޓަލީ މިޑްފީލްޑަރު ނިކޮލޯ ބަރެއްލާ އަށް ލާޒިއޯގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

މި މެޗުގައި ލާޒިއޯ އިން އެއްވަރުކުރި ލަނޑު، 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޗީރޯ އިމޯބިލޭ އެވެ. އޭގެފަހުން، މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް ކުރީން ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅުނު ފެލިޕޭ އެންޑަސަން ވަނީ ލާޒިއޯ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. އަދި އޭގެފަހުން، އިތުރުވަގުތުގައި ސާބިއާގެ މިޑްފީލްޑަރު ސަރްގެއި މިލިންކޮވިޗް-ސަވިޗް ވަނީ ލާޒިއޯ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މެޗު ނިމެންދަނިކޮށް ލާޒިއޯގެ ލުއިޒް ފެލިޕޭ އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. 

ވާދަވެރި މިލާނުން ރޭ ސެން ސީރޯގައި ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެރޯނާ އިންނެވެ. އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެލަނޑުގެ ލީޑެއްނަގާފައެވެ. މި މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ޖިއަންލޫކާ ކަޕްރާރީގެ ގޯލުން އެ ޓީމު ލީޑްނެގިއިރު، 24 ވަނަ މިނެޓުގައި އެންޓޮނިން ބަރާކް ވަނީ ލިބުނު ޕެނަލްޓީއަކުން ވެރޯނާގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 14 ވަރަކަށް މިނެޓުގެ ތެރޭގައި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫގެ ގޯލުން މިލާނުން ފަރަގު ކުޑަކުރިއެވެ. އެ ޓީމުން އެއްވަރުކުރި ލަނޑު، 76 ވަނަ މިނެޓުގައި ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ފްރޭންކް ކެސިއޭ އެވެ. އަދި އޭގެ ދެ މިނެޓުފަހުން، ވެރޯނާގެ ކޮރޭ ގުންޓާ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު މިލާނުން ވަނީ މެޗުން މޮޅު ޔަގީންކޮށްފައެވެ.