އާންމުންގެ ތެރެއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަސްހޫރު ފިލްމު "ވޮންޑަރ ވުމަން" ގެ 3 ވަނަ ފިލްމެއް ނެރެން ނިންމައިފައިވާކަމަށް އެ ފިލްމުގެ ޑައިރެކްޓާ ޕެޓީ ޖެންކިންސް ބުނެފިއެވެ.

 އޭނާ މިހެން ބުނެފައިވަނީ ހޮނިހިރު ދުވަހު ބޭއްވި މި އަހަރުގެ ޑީސީ ފޭންޑޯމް ގެ ތެރެއިންނެވެ. މީގެ އިތުރުން އޭނާ ހާމަ ކުރި ގޮތުގައި 3 ވަނަ ބައިން 1970 ވަނަ އަހަރު ނެރުން ވޮންޑަރ ވުމަން ގެ ސީރީޒްގައި ވޮންޑަރ ވުމަން ގެ ރޯލުން ފެނިގެން ދިޔަ ލިންޑާ ކާރޓާ ވެސް ފެނިގެންދާނެކަމަށެވެ.

 ލިންޑާ ގެ ހާއްސަ ފެނިލުމެއް ވޮންޑަރ ވުމަންގެ 2 ވަނަ ބައިންވެސް ފެނިގެންގޮސްފައިވެއެވެ.

މި އިވެންޓުގައި ލިންޑާ ވަނީ އޭނާ އަށް މި ފިލްމުގައި އަދާ ކުރަން ލިބުން ރޯލަކީ އޭނާ އަށް ވަރަށް ހާއްސަ ރޯލެއް ކަމަށް ބުނެފައެވެ. މީގެ އިތުރުން އޭނާ ވަނީ މި ފިލްމު ކުޅެން ލިބުމަކީ އޭނާ އަށް ލިބުން ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ބުނެފައެވެ. ނަމަވެސް އޭނާ މި ފިލްމުގައި ފެނިގެންދާ ރޯލާއި ބެހޭ ގޮތުން މާ ބޮޑުއެއްޗެއް ބުނެފައެއްނުވެއެވެ.

ލިންޑާ އިތުރަށް ފާހަގަ ކުރި ގޮތުގައި މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ގޭލް ގެޑޮޓް އަށް މި އިންވެންޓުގައި ބައިވެރިނުވެވުތީ ގޭލް ވަރަށް ދެރަވެފައި ހުރި ކަމަށާއި ނަމަވެސް ތިންވަނަ ދަރިއެއް ލިބުމާއި އަދި އިތުރު ފިލްމުތަކުގެ ޝޫޓިން ތަކާއި ބިޒީ ވުމުން އޭނާ އަށް އެ އިވެންޓަށް ނާދެވުނީ ކަމަށެވެ.

 މި ފިލްމުގެ މާބޮޑު މައުލޫމާތެއް ޓީމުގެ ފަރާތުން ހާމަނުކުރި ނަމަވެސް ޓީމުން ބުނީ މި ފިލްމުގައި ފެނިގެން ދާނީ ކުރީ ޒަމާން ނޫން ކަމަށާއި މި ފިލްމުން ފެނިގެން ދާނީ ފަހުގެ ޒަމާން ކަމަށެވެ.