ކޮވިޑް19 އާއި ގުޅިގެން ސައުދީގައި އަޅާފައި ހުރި ގިނަ ފިޔަވަޅުތަކަށް ލުއި ދީ، މަސްޖިދުލް ހަރަމާއި މަސްޖިދުލް ނަބަވީގައި ކުރިއެކޭ އެއްގޮތައް އެންމެނަށްވެސް ނަމާދު ކުރުމުގެ ހުއްދަ ދީފިއެވެ.

މިހާރު ސައުދީގެ ހުރިހާ މިސްކިތެއްގައި ވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ނަމާދު ކުރެވޭނެއެވެ. ނަމާދު ކުރަން މިސްކިތަށް އަރާ މީހުންނަށް މާސްކް އެޅުން ވެސް މަޖުބޫރެއް ނޫނެވެ. ނަމަވެސް އުމްރާގެ އަޅުކަން އަދާކުރަން މަސްޖިދުލް ހަރަމާއި މަސްޖިދުލް ނަބަވީއަށް ވަންނަ މީހުންނަށް މާސްކް އެޅުން މަޖުބޫރު ވާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ސައުދީގައި މިއަދުން ފެށިގެން ދީފައިވާ ލުއިތަކުގެ ތެރޭގައި އާއްމު ތަންތަނުގައި މާސްކް އަޅަން މަޖުބޫރު ނުވާނޭކަމަށް ރިޕޯޓުތައް ބުނެއެވެ. ހަފްލާތަކާއި ޖަލްސާތައް ބޭއްވުމުގެ ހުއްދަވެސް އެގައުމުގައި މި ވަނީ ދީފައެވެ.

މުސްލިމުންގެ ދެ ހަރަމް ހުޅުވާލުން ވެގެން ދިޔައީ މުޅި އިސްލާމީ އުންމަތަށް އުފާވެރިކަން ގެނުވި ކަމަކަށެވެ. ކުރިއެކޭ އެއްގޮތައް ދެ ހަރަމްގައި މިހާރު ނަމާދު ކުރުން ކުރިއަށް ދާނެއެވެ.