އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕުލާސްޓިކު ކޮތަޅުގެ ބަދަލުގައި ފޮތި ކޮތަޅު ތަައާރަފުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ނޯ-ޕްލާސްޓިކް މޯލްޑިވްސް އިން ނިންމައިފިއެވެ. ނޯ-ޕްލާސްޓިކް މޯލްޑިވްސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއް ފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކް ކޮތަޅު މަދުކޮށް ތިމާވެއްޓާއި ރައްޓެހި، ފޮތި ކޮތަޅު ބޭނުން ކުރުން އާދަކުރުމަށް، މީހުން ދިރިއުޅޭ ބައެއް ރައްރަށަށް ފޮތިކޮތަޅު ތައާރަފުކުރަން އުޅޭކަމަށެވެ.
އިއްޔެ ބޭންކް އޮފް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހަފްލާއެއްގައި މި ހަރަކާތް ވަނީ ތައާރަފުކޮށްފައެވެ. އެ ޖަލްސާގައި ނޯ-ޕްލާސްޓިކް މޯލްޑިވްސްގެ ފަރާތުން ބައިވެރިވީ އެ ޖަމުއިއްޔާގެ ރައީސް އަހުމަދު ނުޢުމާނެވެ. އަދި ބޭންކް އޮފް މޯލްޑިވްސް ގެ ފަރާތުން އެ ޖަލްސާގައި ބައިވެރިވެފައި ވަނީ އެ ކުންފުނީގެ މާކެޓިން ޑައިރެކްޓަރ ޢައިޝަތް ޒަމްރާ ޒާހިރެވެ.
"އުޅުމަށް ބަދަލު" ގެ ނަމުގައި ނޯ-ޕްލާސްޓިކް މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދާ އެ ކެންޕޭމުގެ ދަށުން ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ 10 ރަށަކަށް މި ފޮތިކޮތަޅުތައް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށްތަކުގެ ކައުންސިލްތަކާއި އަންހެނުން ކޮމިޓީގެ އެއްބާރުލުމާއި މަޝްވަރާއާއި އެކީ މިހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. މި ހަރަކާތުގައި ބޭނުން ކުރާ ފޮތި ކޮތަޅުތައް ރަށްރަށުގައި ފެހުމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ކޮންމެ ރަށަކަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ދެ ފަހާފޮށި ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނޯ-ޕްލާސްޓިކް މޯލްޑިވްސްގެ ރައީސް ނުޢުމާނު ވިދާޅުވެފައިވަނީ މި ހަރަކާތުގައި ބޭންކް އޮފް މޯލްޑިވްސްގެ އެއްބާރުލުން ލިބުމަކީ އެ ޖަމުއިއްޔާއަށް ލިބުނު ވަރަށްބޮޑު އުފަލެއްކަމަށެވެ. މި ހަރަކާތުގައި ހިމަނާފައިވާ ރައްތަކަކީ ކ.ދިއްފުއްޓާއި، ނ.މާފަރާއި، ނ.ވެލިދުއާއި، އައްޑޫ ސިޓީ ހިތަދުއާއި، ކ.މާފުއްޓާއި، ކ.ގުރައިދުއާއި، ދ.ކުޑަހުވަދުއާއި، އއ.ރަސްދުއާއި، އއ.އުކުޅަހާއި އަދި ލ.ގަމެވެ.
ނޯ-ޕްލާސްޓިކް މޯލްޑިވްސް އަކީ އެއްފަހަރު ބޭނުން ކުރުމަށްފަހު އުކާލާ ޕްލާސްޓިކު ކޮތަޅު ރާއްޖޭގައި ބޭނުން ކުރާ މިންވަރު މަދުކުރުމުގެ މަގުސަދުގައި މަސައްކަތްކުރަމުންދާ ޖަމުއިއްޔާއެވެ.
