ދެރަށެއްގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ކުރިއަށްދާގޮތް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
އެގޮތުން ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު ފެށި އިރު، މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 26 ޖުލައި 2020 ގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން 9000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 600 ސްކުއަރ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 21.97 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 10 ޑިސެމްބަރ 2019 ގައި ކަމަށްވެސް އެމްޓީސީސީ އިން ބުންޏެވެ.
އެމްޓީސީސީ އިން ބުނީ ބ. ފުޅަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށާއި މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ 93 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ނަވާވީސް ހާސް އެއްސަތޭކަ ފަންސާސް ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، ބާވީސް ހާސް ހަސަތޭކަ ނުވަދިހަ ހަތަރު މީޓަރުގެ ސަރަހައްދެއްގެ ފަޅުފުން ކުރުމާއި، 108 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި 302 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތާއި 558 ސްކުއަރ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެކުންފުނިން ބުނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 48.29 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 10 ނޮވެމްބަރ 2019 ގައެވެ.
