އިންސާނާގެ ލޮލުގެ ފެނުމަކީ ވަރަށްވެސް މުހިންމު ނިއުމަތެކެވެ. އެ ނިއުމަތަކާއި ނުލާ އިންސާނާއަށް ދިރިއުޅެންވެސް ދަތި ނިއުމަތެކެވެ. ލޮލަށް ޖެހޭ އެކި އެކި ބަލިތަކުގެ ސަބަބުން ލޮލުގެ ފެނުން ގެއްލޭ ގޮތް ދިމާވެއެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ އެއް ބައްޔަކީ ގުލޮކޯމާއެވެ. މި ބަލީގެ ސަބަބުން ލޮލުގެ ނާރު (އޮޕްޓިކް ނާވް) ހަލާކުކޮށްލާ ލޮލުގެ ފެނުން ގެއްލޭ ގޮތް ދިމާވެއެވެ. މިބައްޔަކީ ލޮލުގެ އެރެތޭގެ ޕުރެސަރު މަތިކޮށްދޭ ބައްޔެކެވެ. މި ބަލީގައި ބޮޑަށް ގެއްލުން ވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. މިއީ އޭގެ އަލާމާތެއް ނުފެނި ގިނަ ދުވަސްތަކެއް ވަންދެންވެސް ހުރެދާނެ ބައްޔެކެވެ.
ގްލޮކޯމާގައި ލޮލުގެ ފެނުން ގެއްލިއްޖެނަމަ މިއީ އިއާދަކުރެވޭނޭ ކަމެއް ނޫނެވެ. އެހެނީ މިބަލީގައި ގެއްލުން ލިބެނީ ލޮލުގެ ނާރަށް ކަމަށްވާތީއެވެ. އެހެންކަމުން މިއީ ވަރަށްބޮޑަށް ފަރުވާތެރިވާން ޖެހޭނޭ ބައްޔެކެވެ. ލޮލުގެ ފެނުމަށް ކުޑަނަމަވެސް އުނިކަމެއް އަންނަނަމަ ނުވަތަ އެކަން ފާހަގަވާނަމަ ލަސްނުކޮށް ލޮލުގެ ފަރުވާދޭ މަރުކަޒަކަށް ޒިޔާރަތްކޮށް ލޮލުގެ ޓެސްޓުތައް ހެދުން މުހިންމެވެ. އެހެންކަމުން މި ބަލީގައި ފެނިދާނެ ބައެއް އަލާމާތްތައް ހިއްސާކޮށްލާނަމެވެ.
މި ބަލީގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޮލުގައި ރިހިފައި ހުރުން ހިމެނެއެވެ. އަދި އެއާއި އެކު ބޮލަށް ބަރުވެ، ގުދުވެ ހަދާއިރު ބަރު ތަދެއް މޫނުމައްޗަށް އިހުސާސްކުރެވިދާނެއެވެ. މީގެ އިތުރުން ފެނުން ފުސްވުމާއި އައްޔަށް ބަލަން އުނދަގޫ ވުމާއި ލޮލުގެ ވަކި ހިސާބަކުން ބަލާ ބެލުންތަކުގެ ފެނުން އަނދިރިވުން ހިމެނެއެވެ. ބައެއް މީހުންނަށް މި ބަލީގައި މޭނުބައި ކުރުމާއި އެކު ހޮޑުލެވޭގޮތްވެސް ދިމާވެއެވެ. އަދި އަނެއްބައިމީހުންގެ ލޮލުގެ ކުލަ ރަތްވެފައިވެސް ހުރެދާނެއެވެ.
ގްލޮކޯމާއަކީ ފަރުވާކޮށް، މުޅީން ރަނގަޅު ކުރެވޭނޭ ބައްޔެއް ނޫނެވެ. ނަމަވެސް އަވަހަށް ފެށޭ ފަރުވާގައި ބަލީގައި ބޮޑުވަރު ވިޔަނުދީ ސަލާމަތް ވެވޭނެއެވެ. އެހެންކަމުން ބަލީގެ ކުރީކޮޅު ބަލި ދެނެގަނެ އަވަސް ފަރުވާއެއް ފެށުން ވަރަށްވެސް މުހިންމެވެ.
އިންސާނާގެ ލޮލުގެ އެތެރޭގައި ދިޔަތަކެއް ވާނެއެވެ. މިއަށް އެކުއަސް ހިއުމާއޭ ކިޔައެވެ. މިއީ ލޮލުގައި އުފެދި ލޮލުން ބޭރުވަމުންދާ ދިޔަވަރެކެވެ. ގްލޮކޯމާގައި ދެ ގޮތަކަށް ދިމާވެއެވެ. އެއްގޮތަކީ ކޮންމެވެސް ސަބަބަކާއި ހުރެ ލޮލުގައި ހުންނަ މި ދިޔަވަރުތައް ލޮލުގެ ތެރެއިން ބޭރު ނުވުމެވެ. މި ގޮތަށް މި ދިޔަތައް ލޮލުން ބޭރުވެގެން ދާނީ ޓިއުބަރކުލޯ މެޝްވޯކް ނަމަކަށް ކިޔާ ތަނަކުން. އަނެއްގޮތަކީ ކޮންމެވެސް ސަބަބަކާއި ހުރެ އެ ދިޔަވަރު އުފެދޭމިންވަރު އިތުވުމެވެ. މި ދެ ހާލަތުގައިވެސް ލޮލުގެ އެތެރޭގައި ހުންނަ މި ދިޔަވަރުގެ މިންވަރު ދާނީ އިތުރުވަމުންނެވެ. ނަތީޖާ އަކީ ލޮލުގެ އެތެރޭގެ ޕުރެޝަރު މަތިވުމެވެ.
މިބަލިން ރައްކާތެރިވުމަށް ކުރެވިދާނެ މާ ބައިރުކަންކަމެއް ނެތެވެ. ނަމަވެސް ޖުމުލަކޮށް ލޮލުގެ ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހައިކަމެއް ގަވައިދުން ކުރުން ވަރަށްވެސް މުހިންމެވެ. ލޮލުގެ ފެނުމަށް ކިރިޔާވެސް އުނިކަމެއް އަންނަނަމަ ލަސްނުކޮށް ޑަކްޓަރަށް ދެއްކުން އަމުދުން މުހިންމެވެ. ތިމާގެ އާއިލާގައި ލޮލުގެ އެއްވެސް ބައްޔެއް ހުންނަ މީޙަކު ހުރިތޯ ދެނެގަތުމަކީ މިކަމަށް ސަމާލުވެ ފަރުވާތެރިވާން ލިބޭނޭ ހިތްވަރަކަށް ވާނެކަން ޔަގީނެވެ. އަދި މި ބަލީގެ އަލާމާތްތައް ދެނެގަނެ އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީވެސް ވަރަށް މުހިންމުކަމެކެވެ. ލޮލުގެ ރައްކާތެރިކަމާއި ފެނުމުގެ މުހިންމު ކަމަކީ އަބަދުވެސް އިސްކުރަންޖޭނޭ ސިއްހީ މުހިންމު މަސްދަރެކެވެ.
