އަފްޣާނިސްތާންގެ އަންހެން ކުދިން ސްކޫލްތަކާއި ޔުނިވަސިޓީތަކަށް ދާން ފަށާނެ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފިއެވެ.

އަފްޣާނިސްތާންގެ ވެރިކަމަށް ޠާލިބާނުން އައި ފަހުން އަންހެން ކުދިންނާއި އަންހެން މުދައްރިސުން ވެސް ސްކޫލްތަކާއި ޔުނިވަސިޓީތަކަށް ދިއުން ވަނީ މަނާކޮށްފައެވެ.

ސްކޫލްތަކާއި ޔުނިވަސިޓީތައް އަންހެން ކުދިންނަށް ހުޅުވާލާނެކަމަށް ބުނެފައި ވީނަމަވެސް އެކަމުގެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަމަށް އައުމަށް ފަހު ބުނެފައި ވަނީ އަންހެން ކުދިން މިވަގުތު ސްކޫލަށް ނުގޮސް ގޭގައި މަޑުކުރަން ޖެހެނީ އެކުދިންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމު ކޮށްދިނުމަށް ވަގުތު ބޭނުންވާތީ ކަމަށެވެ.

މީގެ ކުރިން ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަން ކުރަމުން ދިޔަ ދުވަސްވަރު އަންހެން ކުދިން ސްކޫލަށް ދިއުން އޮތީ މުޅިންހެން މަނާކޮށްފައެވެ. އަދި އަންހެނުން ވަޒީފާ އަދާކުރުން ވެސް އޮތީ މަނާކޮށްފައެވެ. މިފަހަރު ވެސް ޠާލިބާނުންނަށް ވެރިކަން ލިބުމާއި އެކު އެފަދައިން ވަނީ އަމަލުކޮށްފައެވެ. އެހެންނަމަވެސް ޠާލިބާނުން ދަނީ އަންހެނުންނަށް ވެސް ހަމަހަމަ ހައްގުތަށް އެގައުމުގައިވެސް ލިބިދޭނޭކަމަށް ބުނަމުންނެވެ.

އަންހެނުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ޠާލިބާނުން ވެފައިވާ ވައުދު ނުފުއްދާ ކަމަށް ބުނެ ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށް، އެ ގައުމުގައި އަންހެންކުދިންނަށް ކިޔެވުމުގެ ފުރުސަތު ދޭނޭކަމަށް ބުނުމުން އެގައުމުގެ ގިނަބަޔަކު ދަނީ އެކަމަށް ތައުރީފުކުރަމުންނެވެ.