އިނގިރޭސި - ދިވެހި ތަރުޖަމާއެއް އިންޓަނެޓުގައި ނެތުމަކީ ވަރަށްގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ނަމަވެސް މިހާރު މިވަނީ އެކަމަށް ހައްލެއް ހޯދާފައެވެ.
މައިކްރޯސޮފްޓްގެ ބިންގްރ ޓްރާންސްލޭޓަރ ބޭނުން ކޮށްގެން އިނގިރޭސި ބަހުން ދިވެހި ބަހަށް އަދި ދިވެހި ބަހުން އިނގިރޭސި ބަހަށް މިހާރު ތަރުޖަމާ ކުރެވޭނެއެވެ.
މައިކްރޯސޮފްޓުގެ އެ ސޮފްޓުވެއާގައި ތަރުޖަމާ ކުރަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެންނެވެ. އެ ސޮފްޓުވެއާ މެދުވެރިކޮށް ތަފާތު އެތައް ބަހެއް މިހާރު ތަރުޖަމާ ކުރެވެއެވެ. ދިވެހި ބަހަކީ އެންމެ ފަހުން މި ސޮފްޓުވެއާއަށް އިތުރު ކުރެވުނު ބަސްތަކުގެ ތެރެއިން އެއް ބަހެވެ.
މިއީ މިގޮތަށް ދިވެހި ބަސް ތަރުޖަމާ ކުރެވޭ ފުރަތަމަ ސޮފްޓުވެއާއެވެ. ނަމަވެސް މިއީ ދިވެހިންގެ މެދުގައި އެހާ އާންމު ސޮފްޓުވެއާއެއް ނޫނެވެ. އެންމެ ގިނަ މީހުން ބޭނުން ކުރާ ގޫގުލް ޓްރާންސްލޭޓުން އަދި ދިވެހި ބަސް ތަރުޖަމާކުރާ އިންތިޒާމެއް ގާއިމުވެފައެއް ނެތެވެ.
ދިވެހި ބަހަކީ ދުނިޔޭގެ ނިސްބަތުން އެންމެ މަދުން މީހުން ބޭނުން ކުރާ ބަސްތަކުގެ ތެރެއިން އެއްބަހެވެ.
މައިކްރޯސޮފްޓުގެ މި އިންތިޒާމާއި އެކު މިކަމަށް ކެތްމަދުވެފައިތިބި އެތައްބަޔަކަށް މިއީ ވަރަށް ބޭނުންތެރި ސޮފްޓުވެއާއަކަށް ވާނެއެވެ. އަދި މިއީ ދިވެހި ވަހަށްވެސް ލިބުނު ވަރަށްބޮޑު ކުރިއެރުމެކެވެ.
