މިދުވަސްވަރަކީ ދިވެހި ރާއްޖޭގެ ގިނަ ހިސާބުތަކުގައި އަރިދަފުސް ރޯގާ ފެތުރެމުންދާ ދުވަސްވަރެކެވެ. އިންފުލުއެންސާ ވައިރަހަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މިއީ ކޮވިޑް-19 އާއި ވަރަށް ވައްތަރު ރޯގާއެކެވެ.

ކޮވިޑް-19 އާއި އިންފުލުއެންޒާ ވައިރަހުގެ އަލަމާތްތައް ދާދި އެއްގޮތް ވެދާނެއެވެ. އެހެނީ މި ދެ ބައްޔަކީވެސް ނޭވާލާ ނިޒާމަށް ކުރިމަތިވާ ގެ ބައްޔެވެ. ކޮވިޑް-19 ޖެހެނީ ކޮރޯނާ ވައިރަހުގެ ސަބަބުންނެވެ. ނަމަވެސް އިންފުލުއެންޒާ ރޯގާ ޖެހެނީ އިންފުލުއެންޒާ ވައިރަހުގެ ސަބަބުންނެވެ.

ކޮވިޑް-19 އާއި އިންފުލުއެންޒާ ތަފާތުވާ މައިގަނޑު އެއް ސަބަބަކީ، އިންފުލުއެންޒާއަކީ އާދައިގެ އަރިދަފުސް ރޯގާ އަކަށް ވުމެވެ. އަދި ކޮވިޑް-19 ގައި ހާލުބޮޑުކޮށްލާ ފަދައިން އިންފުލުއެންޒާގައި އިންސާނާ ބަލިކޮށެއް ނުލާނެއެވެ. ހާލު ސީރިއަސްއެއް ނުވާނެއެވެ. އަދި އިންފުލުއެންޒާ އަކީ އެ ވައިރަހުގެ އަސަރު ފޯރުމާއި އެކު އަލާމާތްތައް ފެންނަން ފަށާ ރޯގާއެކެވެ. ނަމަވެސް ކޮވިޑް-19ގައި ވައިރަހުގެ އަސަރު ކުރުމަށްފަހު އަލާމާތެއް ނުފެނި ގިނަ ދުވަސްތަކެއް ހުރެދާނެއެވެ. އިންފުލުއެންޒާ ވައިރަހަކީ މާ ގިނަދުވަސްތަކެއް ވަންދެން އިންސާނެއްގެ ހަށިގަނޑުން އެހެން އިންސާނެއްގެ ހަށިގަނޑަށް ފޯރާނޭ ވައިރަހެެއް ނޫނެވެ. އެއާއި ހިލާފަށް ކޮވިޑް-19ގައި މި މުއްދަތު އިތުރުވެއެވެ. ކޮވިޑް19ގައި 14 ދުވަހަށް އެކަހެރި ކުރުމުގެ ހިކުމަތަކީ މިއީއެވެ.

އިސްވެ ދެންނެވުނުފަދައިން މި ދެ ބަލީގެ އަލާމާތްތަކަކީ ދާދި އެއްގޮތް ކަންތައްތަކެއް ކަމުން، ހަމައެކަނި އަލާމާތްތަކަށް ބަލާ، ބަލި ދެނެ ނުގަނެވޭނެއެވެ. އެހެންކަމުން ރޯގާގެ އަލާމާތެއް ހުންނަ ނަމަ، އެންމެ ރައްކާތެރި ގޮތަކީ ކޮވިޑް-19 އަށް ޓެސްޓު ކުރުމެވެ. ނަތީޖާ ޔަގީންވާނީ އޭރުންނެވެ. ކޮން ބައްޔެއްކަން މުޅިން ސާފުވާނީވެސް ޓެސްޓު ހެދީމައެވެ.

މި ދެ ބަލީގައިވެސް ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހެނީ ހަމަ އެއް ކަންތައްތަކެކެވެ. ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވައި ކުރުމާއި، ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުމާއި، ގައިދުރުކަން އިސްކުރުމާއި، އާންމު ތަންތަނުގައި މާސްކު އެޅުމާއި، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުން ހިމެނެއެވެ.

ކޮވިޑް-19 އާއި އިންފުލުއެންޒާގައި އެއްގޮތް ކަމެއް ހުރުމުން މިއީ މިކަމަށް ސަމާލުކަން ދޭންވީ ވަގުތު އިތުރުކުރަން ޖެހޭނޭ ކަމެކެވެ. ސިއްހީ މާހިރުންނާއި، އާންމު ފަރުދުންވެސް މިކަންކަމަށް ސަމާލުވުން ވަރަށްވެސް މުހިންމެވެ. ރާއްޖޭގެ ރަށްރަށުގައި ރޯގާ ޖެހިގެން ޑަކްޓަރަށް ދައްކާ ކޮންމެ މީހެއްގެ ސާމްޕަލް ހަގީގަތުގައި ނެގެންވާނެއެވެ. އެހެނީ ޔަގީން ނުކޮށް ތިއްބާ ކޮވިޑު-19ގެ ހުޅު އަނެއްކާ އެރަށަކުން ފަޅާފާނެއެވެ. ކޮންމެ މީހަކީ އަދިވެސް، ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް އިހްތިރާމްކުރުމާއި އެކު ބޯލަނބާ މީހަކަށް ވާން އެބަޖެހެއެވެ. ކޮވިޑް-19 އަށް އިންފުލުއެންޒާއޭ ހިތާ ފަރުވާ ކުޑަކުރެވިއްޖެ ނަމަ ދެން ލިބިދާނޭ ގެއްލުން ވަރަށްވެސް ބޮޑެވެ. އާދޭހެވެ! ރައްކާވެ ތިބިއްޔާ ދަތުރު!