މާބަނޑު ވުމާއި ގުޅިގެން އެކި މީހުންނަށް ތަފާތު އެކި ކަންކަމާއި ކުރިމަތިލާން ޖެހެއެވެ. މާބަނޑު ވެވޭ ގޮތަކުން ނުވަތަ މާބަނޑު ވާ ގޮތަކުން ހިތްދަތި އެތައް ހާދިސާތަކަކާއިވެސް ކުރިމަތިލާން ޖެހިދާނެއެވެ. އެގޮތުން "ނުބައިކޮށް" ދަރިމައިވުމަކީ ބައެއް އަންހެނުންނަށް ދިމާވާ ކަމެކެވެ. މިފަދައިން ދަރިމައިވާ ދަރިމައިވުމަށް އެކްޓޮޕިކް ޕްރެގްނެންސީ އޭ ކިޔައެވެ.
އެކްޓޮޕިކް ޕްރެގްނެންސީ އަކީ މައި މީހާގެ ރަހިމުން ބޭރުގައި ދަރިމައިވުމެވެ. އާދޭހެވެ! ފިރިހެނާގެ ދަރިފަންޏާއި އަންހެނާގެ ދަރިފަނި ނުވަތަ ބިސް، އަންހެނާގެ ރަހިމުން ބޭރު ކޮންމެވެސް ހިސާބެއްގައި ދަރިމައިވުމެވެ. އާންމުގޮތެއްގައި މިފަދައިން ދަރިމައިވަނީ އަންހެނާގެ ރަހިމާއި ބިސްރަވަ ގުޅުވައިދޭ ހޮޅީގައެވެ. މި ހޮޅިއަށް ފެލޯޕިއަން ޓިއުބޭ ކިޔައެވެ. ބައެއް ހާލަތްތަކުގައި އަންހެނާގެ ބިސްރަވައިގައިވެސް ދަރިމައިވާ ގޮތް ދިމައިވެއެވެ.
މިފަދައިން ދަރިމައިވާ އެއްވެސް ނުތުފާއެއް، ބޮޑުވުމުގެ ފުރުސަތެއް ނުލިބެއެވެ. އެހެނީ ރަހިމު ނޫން ތަނެއްގައި އެ ނުތުފާ ބޮޑުވުމުގެ ޖާގަ ނުވަތަ ފުރުސަތު ނުލިބޭނެތީއެވެ. މިފަދަ ހާލަތެއްގައި ފަރުވާ ނުކުރެވިއްޖެނަމަ، އެ ދަރިމައިވެފައިވާ ގުނަވަނެއް ފަޅައިގެން ގޮސް، އެތެރެހައްޓަށް ލޭއެޅި، އަންހެނާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވަރަށްވެސް ބޮޑުވާނެއެވެ. އެހެންކަމުން މިފަދަ ހާލަތެއް ދިމައިވެއްޖެ ނަމަ، ފާހަގަކުރަންޖެހޭ އަލާމާތްތަކެއް ހިއްސާކޮށްލާނަމެވެ.
އެކްޓޮޕިކް ޕްރެގްނެންސީ އެއްގެ ފުރަތަމަ އަލާމާތެއް ނުވަތަ އިންޒާރުގެ މެސެޖެއްގެ ގޮތުން ކުރިމަތިފަރާތުން ލޭ އައުން ހިމެނެއެވެ. އަދި މިފަދައިން އަންނަ ލެއާއި އެކު ދަށްބަނޑަށް ތަދުވުމާއި އެކު ކޮނޑު ހުޅުގައި ރިހިފައި ހުރެދާނެއެވެ. އަނެއްބައި ފަހަރު ބޮޑުކަމުދަވައިގަނެފައި ހުންނަ އިހުސާސް އަބަދުވެސް ކުރެވޭ ހާލަތެއް ދިމާވެދާނެއެވެ. މި ބާވަތުގެ ދަރިމައިވުމުގައިވެސް އެންމެ ފުރަތަމަ ދުވަސްކޮޅު އެއްވެސް އަލާމާތެއް ނުފެނި ހުރެދާނެއެވެ. ނަމަވެސް ނުތުފާ ބޮޑުވަމުން ދާ ވަރަކަށް އެ އަލާމާތްތައް އިތުރުވެ ބޮޑުވާނެއެވެ. އިސްވެ ދެންނެވުނު ފަދައިން ކުރިމަތި ފަރާތުން އަންނަ ލޭގެ މިންވަރު އިތުރުވެ ކޮނޑުގައި އިންތިހާއަށް ރިހި، ބޮލަށް އެނބުރުން އެރުމާއި އެކު ހެޔަތް ގޮތްވާ ކަމުގެ އިހުސާސް ކުރެވޭނަމަ ލަސްނުކޮށް ޑަކްޓަރަކަށް ދެއްކުން މުހިންމެވެ. އާދަޔާ ހިލާފަށް ކޮނޑުގައި ރިއްސުމަކީ މި ވައްތަރުގެ ދަރިމައިވުމުގައި ފާހަގަކުރެވޭ މުހިންމު އަލާމާތެކެވެ.
މިހެން ދިމާވާ ސަބަބަކީ ބިސްރަވައިން ދޫކުރާ ބިސް، ރަހިމުގެ ތެރެއަށް ނުފޯރުމެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ކޮންމެވެސް ހިސާބެއްގައި އެ ބިސް ހަރުލައި ހުރުމެވެ. އެފަދަ ކިތަންމެ ސަބަބެއް ހުރެދާނެކަމަށް ސިއްހީ މާހިރުން ދެކިލައްވާއިރު، ހަގީގީ ސަބަބެއް ބަޔާންކުރަން ވަރަށްވެސް ދައްޗެވެ. ނަވެސް އެކަން އެހެން ދިމައިވެދާނެ އަންހެނުންގެ ލިސްޓެއް ޑަކްޓަރުން ގެންގުޅެއެވެ.
އޭގެ ތެރޭގައި ދަރިމައިވުމުގެ ނިޒާމުގެ އިންފެކްޝަނެއް ހުރި އަންހެނެއްނަމަ އެ ފުރުސަތު ބޮޑުވާނެއެވެ. އަދި ދަރިމައިވުމަށް އޮޕަރޭޝަން ކުރާ އަންހެނުންނާއި ދަރިމައި ނުވާ އޮޕަރޭޝަން ކުރުމަށްފަހު އެ އޮޕަރޭޝަން އިއާދަކޮށްފައި ތިބޭ އަންހެނުން ހިމެނެއެވެ. ދަރިމައި ނުވުމަށް އެކި އެކި ބޭސް ކާ އަންހެނުންނާއި އެކި އެކި ވަސީލަތްތައް (އިންޕްލާންޓްސް ނުވަތަ އައި.ޔޫ.ޑީ) ބޭނުން ކުރާ މީހުން ހިމެނެއެވެ. ވަކިން ފާގަކޮށްލެވޭ އަންހެނުންނަކީ ގިނައިން އެނާޖީ ޑްރިންކްސް ފަދަ ބާރުގަދަ ބުއިންތައް ބޯ އަންހެނުންނާއި މަސްތުވާ ތަކެއްޗާއި ސިނގިރޭޓުބޯ އަންހެނުންނެވެ. މިއީ އެކްޓޮޕިކް ޕްރެގެނެންސީގެ ފުރުސަތު ބޮޑު އަންހެނުންކަމަށް ގިނަ ސިއްހީ މާހިރުން ފާހަގަ ކުރާ އަންހެނުންނެވެ.
މި ހާލަތުން ސަލާމަތްވުމަށް މި ދެންނެވި ބައެއް އާދަތަކާއި ދުރުވުން ވަރަށްވެސް މުހިންމެވެ. މިއީ އެއްވެސް ބޭހަކުން ރަނގަޅު ކުރެވޭނޭ ކަމެއް ނޫނެވެ. މިއީ އަންހެނުންނަށާއި އެމީހުންގެ ފިރީންނަށާއި އާއިލާތަކަށް ހިތްދަތިކަން ވެރިކުރުވާ ހާލަތެކެވެ. އެހެންކަމުން ކޮންމެ އަންހެނަކާއި ކޮންމެ ފިރިއަކު މިކަންކަމަށް ފަރުވާތެރިވެ ސަމާލުވުން ވަރަށްވެސް މުހިންމެވެ.
