އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންޑިއާގެ 13 ވަނަ ރައީސް ކަމުގައިވާ ޕްރަނާބް މުކަރުޖީ މިއަދު މެންދުރު އަވަހާރަވިކަމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި، މިއީ އިންޑިއާއާއި މުޅި ދެކުނު އޭޝިއާ ސަރަޙައްދަށް ވެސް ގެއްލިގެން ދިޔަ ޚިދުމަތްތެރި ބަޡަލެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕްރަނާބް މުކަރުޖީ ތަރައްޤީއަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކަކީ އަންނަން އޮތް ޖީލުތަކުންވެސް ހަނދާން އާކުރަމުންގެންދާނެ ކަންތައްތަކެއްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިންޑިއާގެ ކުރީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް އިޚުލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީގެ ޢާއިލާއަށް އެ މަނިކުފާނުގެ އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގަންނަވާފައިވެއެވެ.