އިންސާނާގެ ހަށިގަނޑުގައިވާ އަޖައިބެއްކަހަލަ ފުރިހަމަ އެއް ނިޒާމަކީ ހަޖަމުގެ ނިޒާމެވެ. މިއީ އިންސާނާ ކާ ތަކެތިން ހަށިގަނޑަށް ފައިދާ ނެގުމަށްފަހު، ނަޖިހުގެ ގޮތުގައި އެބައި ބޭރުކޮށްދޭ ފުރިހަމަ ގުދުރަތީ ފަރުމާއެކެވެ.
އިންސާނާ ކާބޯ ތަކެތި އޭނާގެ ހަށިގަނޑަށް އެތެރެ ކުރަނީ އޭނާގެ އަނގައިންނެވެ. ހަޖަމުގެ ނިޒާމުގެ މަސައްކަތް މިހިސާބުން ފެށެއެވެ. އިންސާނާ އޭނާގެ ދަތުން ކާތަކެތި ހަފާ އޮލަކުރެއެވެ. އަދި އެއާއި އެކު ކުޅުގެ އެހީތެރިކަމާއި އެކު ބޮޑަށް އޮލަކުރުމަށްފަހު ދިރުވާލެވެއެވެ. އެހާހިސާބުން ކާތަކެތި ދަތުރުކުރާ ހޮޅިން އެ ކާތަކެތި މައިދާއަށް ދެއެވެ. ކާތަކެތި ދަތުރުކުރާ ހޮޅިއަކީވެސް އަޖައިބެއްކަހަލަ ގުދުރަތީ ފަރުމާއެކެވެ. ކާތަކެތި ދަތުރުކުރާ ހޮޅިއަށް އިނގިރޭސިބަހުން އީސޮފޭގަސް އޭ ކިޔައެވެ. މި ހޮޅިން ކާތަކެތި ދަތުރުކުރަނީ އެ ހޮޅީގެ މަސްތަކަށް އަންނަ "ރާޅު-ބާނި" ހަރަކާތްތަކަކުންނެވެ.
ކާތަކެތި ދަތުރުކުރާ ހޮޅިން، ކާތަކެތި އައިސް ޖަމާވަނީ މައިދާއަށެވެ. ކާތަކެތި ޖަމާކުރުމުގެ އިތުރަށް މައިދާއަކީ ކާތަކެތި އެއްކޮށް މަސްހުނި ކުރާވެސް ގުނަވަނެކެވެ. މީގެ އިތުރުން މައިދާއިން އުފައްދާ އެސިޑުގެ ސަބަބުންނާއި އެތަނުން އުފައްދާ އެންޒައިމްތަކެއްގެ ސަބަބުން، އޮލަވެފައިވާ އެ ކާތަކެތި އިތުރަށް ކުދިކުދިވާގޮތް މެދުވެރިވެއެވެ. މައިދާއިން ކާތަކެތި ބޭރުވާއިރު، އެ ކާތެކި ހުންނާނީ ވަރަށް ބޮޑަށް އޮލަވެފައެވެ. މައިދާއަށްފަހު ކާތަކެތި ދެން ދައުރުވާނީ ކުޑަގޮހޮރުގައެވެ.
އިންސާނާގެ ކުޑަގޮހޮރަކީ ހަގީގަތުގައި ވަރަށް ދިގު އެއްޗެކެވެ. އެވްރެޖު އިންސާނެއްގެ ކުޑަގޮހޮރުގެ ދިގުމިނުގައި ގާތްގަނޑަކަށް 20 ފޫޓާއި 22 ފޫޓާއި ދެމެދުގެ ދިގުމިނެއް ހުންނާނެއެވެ. އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ވަކި ރީތި ތަރުތީބަކުން އޮޅާލެވިފައިވާ މި ކުޑަގޮހޮރުގައި މައިގަނޑު ދިން ބައެއް ވެއެވެ. އެއީ ޑިއޯޑިނަމް، ޖެޖުނަމް އަދި އިލިއަމް އެވެ. ކުޑަގޮހޮރުގެ ފުރަތަމަ ބައި ކަމަށްވާ ޑިއޯޑިނަމް އަކީ މައިދާ އެކޭ އެއްފަދައިން ކާތަކެތި އިތުރަށް އޮލަކޮށްދޭ ބައެކެވެ. މި ބައިގައި އެހީތެރިވެދޭ އެހެން ދެ ގުނަވަނެއް ވެއެވެ. އެއީ ފިތާއި ޗިސްމެއެވެ. މި ދެ ގުނަވަނުން އުފެދޭ ދިޔަވަރުތަކެއްގެ އެހީގައި ޑިއޯޑިނަމްގައި އިތުރަށް ކާތަކެތި އެއްކޮށް އޮލަވަމުން ދާނެއެވެ. ކުޑަގޮހޮރުގައިވެސް ކާތަކެތި ދައުރުވާނީ "ރާޅު-ބާނި" ހަރަކާތްތަކެއްގެ އެހީގައެވެ. ކުޑަގޮހޮރުގެ ފަހު ދެބައިކަމަށްވާ ޖެޖުނަމް އާއި އިލިއަމްއަކީ ކާތަކެތީގައިވާ ފައިދާތައް ލޭގެ ތެރެއަށް ނެގުމުގައި ހަރަކާތްތެރިވާ ދެ ބައެވެ.
ކުޑަގޮހޮރަށްފަހު ކާތަކެތި ދެން ދާނީ ބޮޑުގޮހޮރަށެވެ. ބޮޑުގޮހޮރުގެ ދިގުމިނުގައި ހުންނަނީ 6 ނުވަގަ 5 ފޫޓެވެ. ބޮޑު ގޮހޮރަށް ކާތަކެތި އަންނަ އިރު ހުންނާނީ އޭގެ ހުރިހާ ފައިދާއެއް ލޭގެ ތެރެއަށް ނަގާފައެވެ. ބާކީ ހުންނާނީ ބޭކާރު ބަޔާއި ފެނެވެ. ބޮޑު ގޮހޮރަކީ ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރު ހަށިގަނޑަށް ނުވަތަ ލޭގެ ތެރެއަށް ނަގާ ގުނަވަނެވެ. ބޮޑުގޮހޮރުގައިވެސް މި ތަކެތި ދައުރުވާނީ "ރާޅު-ބާނި" ހަރަކާތްތަކުގެ އެހީގައެވެ. ކާތަކެތިން ފެން ނެގުމުން އެ ކާތަކެތި ދެން ހުންނާނީ ބޭކާރު އެއްޗެއްގެ ގޮތުގައެވެ. އާދެ ނަޖިހުގެ ގޮތުގައެވެ.
ބޮޑުގޮހޮރުގައި ހުންނަ މި ނަޖިސްތައް ބޮޑުގޮހޮރުގެ ނިމޭހިސާބުގައި އިންނަ ރެކްޓަމް ނަމަކަށް ކިޔާ ބައެއްގައި ޖަމާވެއެވެ. މި ބައި އިންނާނީ އިންސާނާގެ ފުރަގަސްފަރާތު ދޮރާއި ގުޅިފައެވެ. ރެކްޓަމަށް ބޮޑުކަމުދާ ތަކެތި ޖަމާވެ ގިނަވުމުން، ބޮޑުކަމުދަވައިގަނެއެވެ. އެއާއި އެކު ބޮޑުކަމު ދިއުމުން، ފުރަގަސްފަރާތު ދޮރުން ނަޖިސްތައް ބޭރުވެގެން ދާނެއެވެ.
މިއީ ހަޖަމުގެ މި ފުރިހަމަ ނިޒާމު ތަރުތީބު ވެފައިވާ ފުރިހަަމަކަމެވެ. މި ނިޒާމަށް ކިރިޔާވެސް ބުރުލެއް އަރައިފިނަމަ މިނިޒާމުގެ މަސައްކަތް ކަސިޔާރުވާނެއެވެ. އަޅަމެން އެންމެނީ ދުޅަހެޔޮ ހަޖަމުގެ ނިޒާމެއް ލިބިފައިވާ ބަޔަކު ކަމުގައި މިންވަރު ކުރައްވާށިއެވެ. އާމީން!
