އެމެރިކާގައި، އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ ކާމިޔާބުކަމާ އެކުގައި އިންދައިފި އެވެ.
މިއީ މިގޮތަށް އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ ކާމިޔާބުކަމާ އެކުގައި އިންދައި އަޖުމަބެލުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިންވެސް ސައިންސުވެރިން މިކަން ކުރަން އުޅުނު ނަމަވެސް އެފަހަރުތަކުގައި ކުރިމަތިވި ގޮންޖެހުންތަކާއި އެކު އެކަން ވަނީ ހުއްޓާލާފައެވެ. މި އޮޕަރޭޝަން ކުރި ޑޮކްޓަރުންގެ ޓީމުން ބުނި ގޮތުގައި ކިޑްނީ އިންދުނު މީހާގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން، އޫރުގެ ކިޑްނީ ބަލައިނުގަތުމުގެ އެއްވެސް އަމަލެއް ނުހިނގަ އެވެ. އެހެނީ އޫރުގެ އެ ކިޑްނީގެ ސެލްތަކުގެ ޖީންސް ތަކަށް ޑަކްޓަރުން ވަނީ އާޓިފިޝަން މޮޑިފިކޭޝަން ގެނެސްފައެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ، އިންސާނުންގެ ހަށިގަނޑުން ބަދަލުކުރަން ޖެހޭ ގުނަވަންތަކުގެ ތެރެއިން، ލިބުން ދަތި ގުނަވަންތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވާނެ އެވެ.
އެމެރިކާގެ ނިއު ޔޯކް ސިޓީގައި ހުންނަ އެންވައިޔޫ ލެންގޮން ހެލްތުގެ ޑޮކްޓަރުންގެ ޓީމުން ކުރި މި އޮޕަރޭޝަނެއްގައި އޫރުގެ ކިޑްނީ އިންދީ ސިކުނޑި މަރުވެ، ދުނިޔޭގައި ދިރިއޮންނާނެ ކަމުގެ އުންމީދު ގެއްލިފައިވާ މީހެއްގެ ހަށިގަނޑުގައި، އޭނާގެ އާއިލާގެ މީހުންގެ ރުހުމާ އެކުގަ އެވެ.
ކިޑްނީ ފެއިލްވުމާއި އެކު ކިޑްނީ ބަދަލުކުރަންޖެހޭ މީހުންގެ އަދަދު ދުނިޔޭގައި މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އަދި އެކަމުގައި ތަނަވަސްކަން ނެތް ނުވަތަ ކިޑްނީއެއް ނުލިބި އުމުރުހުސްކޮށްލަން ޖެހޭ މީހުން އިންތިހާއަށް ގިނައެވެ.
އިންސާނެއްގެ ހަށިގަނޑުގައި އޫރެއްގެ ކިޑްނީ އިންދި ނަމަވެސް މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނޭ ކަމެއްތޯ އެތައް ސައިންސުވެރިންނެއް ވަނީ ސުވާލު އުފައްދާފައެވެ.
