މޭނުބައި ކުރުމާއި އެކު ހޮޑު ލެވުމަކީ ވަރަށް އާންމުކޮށް ދިމައިވާ ކަމެކެވެ. ސިއްހީ މާހިރުން ދެކިލައްވާ ގޮތުގައި މިއީ ބައްޔެއް ނޫނެވެ. މިއީ ކޮންމެވެސް އެހެން ކަމެއްގެ ސަބަބުން ފެންނަ، ކަމެއްގެ އަލާމާތްތަކެކެވެ. އޭގެ ތެރޭގައި ބަނޑުގައި ރިއްސުމާއި، ވައިގެ އުނދަގޫ ބޮޑުވުމާއި، މާބަނޑުވުމާއި އަދި މިނޫންވެސް ކޮންމެވެސް އެހެން ބައްޔެއް ނުވަތަ ހާލަތެއް ކުރިމަތިވުން ހިމެނެއެވެ. މޭނުބައި ކުރުމާއި އެކު ހޮޑުލެވުން މެދުވެރި ކުރުވާ ބައިވަރު އެތައް ސަބަބުތަކެއް ވާނެއެވެ.
މޭނުބައި ކުރުމާއި ހޮޑުލެވުމަކީ ދެ ކަމެކެވެ. މޭނުބައިކޮށް ހޮޑު ނުލެވި ހުރެދާނެއެވެ. ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް މޭނުބައި ކުރާނަމަ، އެކަން ހުއްޓުވުމަށް ނުވަތަ މޭނުބައިކުރުން ކުޑަ ކުރުމަށް ކުރެވިދާނެ ބައެއްކަންކަން ހިމަނާލާނަމެވެ. ފިނިފެން ބުއިމަކީ މޭނުބައިކުރުން ދުރުކޮށްދޭނޭ ކަމެކެވެ. އެއްފަހަރާ ގިނައިން ނުކެއުމާއިއެކު މަދު އެތިކޮޅުކޮޅުން ބަހާލައިގެން ކެއުމަކީ މުހިންމު ކަމެކެވެ. އެއާއި އެކު ކާއިރު ލަސްލަހުން ކެއުމާއި ބުއިމަކީވެސް މޭނުބައިކުރުން ދުރުކޮށްދޭނޭ ކަމެކެވެ. މޭނުބައި ކުރާނަމަ، ކުޅި، ތެޔޮ ނުވަތަ އާދަޔާ ހިލާފަށް ފޮނި ކާ އެއްޗެހި ކެއުމަކީ މޭނުބައިކުރުން އިތުރުކޮށްދޭނޭ ކަމެކެވެ. ފިނި އެއްޗެއްސާއި އެއްކޮށް ހޫނު އެއްޗެއް ކެއުމަކީވެސް މޭނުބައިކުރުން އިތުރުކޮށްދޭ ކަމެކެވެ. މޭނުބައިކުރާނަމަ، ކެއުމަށްފަހު ހެލިފެލިވެ ނުވަތަ ހަރަކާތްތެރިވެ އުޅޭނަމަ ހޮޑު ލެވުމުގެ ފުރުސަތު ބޮޑުވާނެއެވެ. އެހެންކަމުން ކައިނިމުމާއި އެކު 10 ވަރަކަށް މިނެޓު ވަންދެން އުޑުތިލަ މަތިން އޮވެލުން ވަރަށްވެސް މުހިންމެވެ. އަދި ކައި ނިމުމާއި އެކު ދަތް އުނގުޅުމަކީވެސް އިތުރަށް މޭނުބައިކުރުން ގޯސް ކޮށްދީ ހޮޑުލެވުމަށް މަގުފަހިވާނޭ ކަމެކެވެ. މޭނުބައިކުރާނަމަ މި ދެންނެވުނު ކަންކަމަށް ފަރުވާތެރިވެ ސަމާލުކަން ދިނުން މުހިންމެވެ.
މޭނުބައިކޮށް އެކަން އިތުރަށް ގޯސްވާނަމަ، ހޮޑުލެވުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ. އެގޮތުން ހޮޑުލެވޭނަމަ ކުރެވިދާނެ ބައެއް ކަންކަންވެސް ހިއްސާކޮށްލާނަމެވެ. ހޮޑުލެވޭނަމަ ކުރަން އެންމެ ރަނގަޅު ކަމަކީ ގިނައިން ދިޔާ ތަކެތި ބުއިމެވެ. އެހެނީ އޭގެ ސަބަބުން ގައިން ދާ ވަރު، އަނބުރާ ލިބުމާއި އެކު ފެންދަމައިގަތުމުން ދުރުކޮށްދޭނެއެވެ. އަދި މައިދާގެ މަސައްކަތް ލުއިވެ މައިދާއަށް އަރާމު އިހުސާސް ވާނެއެވެ. ނަތީޖާއަކަށް ވާނީ ހޮޑުލެވުން މަދުވުމެވެ. ދިޔާތަކެތީގެ ގޮތުގައި ބޯން އެންމެ ރަނގަޅީ ލޮނުޕަކެޓު ފެނެވެ. އެހެނީ އޭގައި ގިނަ އަދަދެއްގެ "އެލެކްޓްރޯލައިޓްސް" ހިމެނޭތީއެވެ. މިފަދައިން ހޮޑުލެވޭ އިރެއްގައި ހަރު ކާނާ ކެއުމަކީ މައިދާއަށް އުނދަގޫ ކުރުވާނޭ ކަމަކަށް ވެދާނެއެވެ. އެހެންކަމުން ހޮޑުލެވުން ހަމައަކަށް އެޅެންދެން ހަރު އެއްޗެއް ކެއުން މަދުކުރުން މުހިންމެވެ. އަދި އަރާމު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
މޭނުބައިކޮށް ހޮޑުލެވޭނަމަ މި ދެންނެވި ކަންކަމަށް ސަމާލުކަންދިނުމަކީ ފަސޭހަކަމާއި އެކު އެކަންކަން ހައްލު ކުރެވިދާނެ މަގުތަކެކެވެ. ނަމަވެސް ކަމަށް ހައްލެއް ނުލިބި 24 ގަޑިއިރަށްވުރެ ގިނައިރުވާނަމަ، ޑަކްޓަރެއްގެ އެހީތެރިކަން ހޯދުން ވަރަށްވެސް މުހިންމެވެ. ހޮޑުލެވުމަކީ މީހާ ވަރަށް އަވަހަށް ބަލިކޮށްލާނޭ ކަމެކެވެ. އެހެންކަމުން، މިއީ ފަރުވާތެރިވާން ޖެހޭނޭ ކަމެކެވެ.
