ކޮލަމްބިއާގެ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އެ ގައުމުގެ އެންމެ ބޮޑު ޑްރަގް ޑީލަރު ކަމަށް ބުނާ މީހާ ހައްޔަރުކޮށްފި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ގައުމުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކަމުން އައި ޑައިރޯ އެންޓޯނިއޯ އުސޫގާ ނަމަކަށް ކިޔާ އުމުރުން 50 އަހަރުގެ މި މީހަކީ 10 އަހަރު ވަންދެން ވަލު ތެރޭގައި ފިލައިގެން އުޅުނު މީހެެއްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ މީހުންގެ ތެރޭގައިވެސް އޭނާ ހިމެނޭކަމަށް އެމެރިކާއިން އާންމުކުރި ލިސްޓަކުން ހާމަވެއެވެ. އެއާއި އެކު އޭނާ ހައްޔަރުކުރާ ފަރާތަކަށް އެގައުމުން ވަނީ ފަސް މިލިއަން ޑޮލަރުގެ އިނާމެއްވެސް ކަނޑައަޅާފައެވެ.

އުސޫގާ ހައްޔަރުކުރެވުމާއެކު ކޮލަމްބިޔާގައި ކުރާ މަސްތުވާތަކެތީގެ ވިޔަފާރި ނައްތާލުމަށް އެގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮލޮމްބިއާ އަކީ ދުނިޔޭގައި މަސްތުވާތަކެތި އުފައްދާ އޭގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއް ގައުމެވެ. އަދި މަސްތުވާތަކެތި ބޭރުގައުމުތަކަށްބޭރު ކުރާ އެތައް އެޖެންޓުންނެއް އެގައުމުގައި ވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭނާ ހައްޔަރު ކުރުމާއި އެކު ގިނަބަޔަކު އެކަމަަށް ތާއީދުކޮށް މީސް މީޑިޔާގައި އުފާ ފާޅުކޮށްފައި ހުއްޓެވެ. ނަމަވެސް އޭނާ އަނެއްކާވެސް އެނބުރި މުޖުތަމައަށް އައިސްދާނޭކަމުގެ ބިރު އޮތްކަމަށް ތުހުމަތު ކުރާ އާންމުންވެސް އެ ގައުމުގައި މަދެއް ނޫނެވެ.