އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ވައްދާލި ހެޓްރިކާއެކު ލިވަޕޫލުން، މެންޗެސްޓާ ޔުނައިޓެޑް އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.
ރޭގެ ނަތީޖާއާއެކު ދެވަނައިގައި އޮތް ލިވަޕޫލަށް ކުޅުނު ނުވަ މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އެންމެ ކުރީގައި 22 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، ތިންވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ 20 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް ވަނީ 14 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނަ އަށް ވެއްޓިފައެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ލިވަޕޫލުން ލީޑްނެގީ ނަބީ ކެއިޓާ ވައްދާލި ލަނޑުންނެވެ. މިއީ ސަލާހު ދިން ބޯޅައަކުން ކެއިޓާ ކާމިޔާބުކުރި ގޯލެކެވެ. އޭގެ 8 މިނެޓުފަހުން، އިނގިރޭސި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ދިން ބޯޅައަކުން ޑިއޯގޯ ޔޮޓާ ވަނީ ލިވަޕޫލަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ލިވަޕޫލްގެ ތިންވަނަ ލަނޑު، ސަލާހު ކާމިޔާބުކޮށްދިނީ ކެއިޓާ ނަގައިދިން ހުރަހަކުންނެވެ. އަދި އޭގެފަހުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ސަލާހު ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. ސަލާހު މި ލަނޑުޖެހީ ޔޮޓާ ތަނަވަސްކުރި ފުރުޞަތަކުންނެވެ.
ދެވަނަ ހާފު ފެށިގެން ޔުނައިޓެޑްގެ ކޯޗު އޮލެގުނަ ސޯލްޝެއާ ވަނީ ޒުވާން ފޯވާޑް މޭސަން ގްރީންވުޑްގެ ބަދަލުގައި ޕައުލް ޕޮގްބާ ކުޅެން ނެރެފައެވެ. މި ހާފު ފެށިގެން ފަސްވަރަކަށް މިނެޓުގެ ތެރޭގައި ސަލާހު ވަނީ ލިވަޕޫލްގެ ފަސްވަނަ ލަނޑުޖަހައިދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ދިން ހިތްގައިމު ތުރޫ ޕާހަކުން ސަލާހު ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ސަލާހު ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.
ލިވަޕޫލްގެ ލަނޑަށްފަހު ޔުނައިޓެޑުން މެޗުގެ ތެރެއަށް އަލުން ވަނުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން އެ ޓީމުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލެއް ކާމިޔާބުކުރިއެވެ. އެކަމަކު، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ މި ލަނޑު ގަބޫލެއްނުކުރިއެވެ. ޔުނައިޓެޑުން މި މެޗުގައި ގޯލެއް ކާމިޔާބުކުރުމަށް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ 60 ވަނަ މިނެޓުގައި އެ ޓީމުގެ ފްރާންސް މީޑްފީލްޑަރު ޕޮގްބާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ލިވަޕޫލްގެ މިޑްފީލްޑަރު ކެއިޓާ އަށް ކުރި ޓެކުލަކަށް ޕޮގްބާ އަށް ފުރަތަމަ ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު، ފަހުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށް ޕޮގްބާ އަށް ސީދާ ރަތެއް ދައްކާފައެވެ.
މި މެޗުގައި ވައްދާލި ގޯލާއެކު ސަލާހު ވަނީ 1992 ވަނަ އަހަރުގެ ފަހުން ލީގު މެޗެއްގައި ޔުނައިޓެޑްގެ ދަނޑުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.
ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑްގެ ދަނޑުގައި ވަނީ ޓޮޓެންހަމް ހޮޓްސްޕާ އަތުން 1-0 އިން މޮޅުވެފައެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ މިޚައިލް އެންޓޯނިއޯ އެވެ. މި މޮޅާއެކު ވެސްޓް ހޭމް ވަނީ ނުވަ މެޗުން ހޯދީ 17 ޕޮއިންޓާއެކު ހަތަރުވަނަ އަށް ޖެހިލާފައެވެ.
މި މުބާރާތުގައި ރޭ ބްރެންޓްފޯޑްގެ ދަނޑުގައި ލެސްޓާ ސިޓީން މޮޅުވީ 2-1 އިންނެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ޔޫރީ ޓީލަމެންސް ވައްދާލި ހިތްގައިމު ލަނޑުން ލެސްޓާ އިން ލީޑްނަގާފައިވަނިކޮށް، ދެވަނަ ހާފުގެ ކުޅުން ފެށިގެން 15 ވަނަ މިނެޓުގައި ބްރެންޓްފޯޑަށް އެއްވަރުކޮށްދިނީ ޑެންމާކްގެ ޑިފެންޑަރު ޒަންކާ އެވެ. ލެސްޓާ އިން އަލުން ލީޑްނަގައި ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، ޖޭމްސް މެޑިސަން ކާމިޔާބުކޮށްދިނީ މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށެވެ.
