ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ވާދަވެރި ބާސެލޯނާ އަތުން 2-1 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް 10 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި ރެއާލް އޮތްއިރު، ތިންވަނައިގައި އޮތް ސެވިއްޔާ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ރެއާލަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް އެތުލެޓިކޯ އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ބާސެލޯނާ އޮތީ 15 ޕޮއިންޓާއެކު ލީގުގެ ނުވަވަނައިގައެވެ.

މިއީ 2004 ވަނަ އަހަރުގެ ފަހުން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އާއި ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ނެތި އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗެވެ. މި ދެ ކުޅުންތެރިންވެސް ވަނީ މި ފަހަރުގެ ސީޒަނަށް ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ބަދަލުވެފައެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ގައި ރޭ ކުޅުނު މި މެޗުގައި ރެއާލުން ލީޑްނެގީ 32 ވަނަ މިނެޓުގައި އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ އެވެ. މިއީ ބާސެލޯނާ އަށް ލިބުނު ކޯނަރެއްގައި ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި އަލަބާ ކާމިޔާބުކުރި ރީތި ގޯލެކެވެ. 

ރެއާލުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، މެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކޭޒް އެވެ. މިއީ ރެއާލްގެ ސްޕެއިން މިޑްފީލްޑަރު މާކޯ އަސެންސިއޯ ފޮނުވާލި ހަމަލާއެއް ބާސެލޯނާގެ ކީޕަރު މާކް އަންދްރެ ޓަ ސްޓެގަން މަތަކުރުމުން ރީބައުންސްގައި ވަޒްކޭޒް ކާމިޔާބުކުރި ގޯލެކެވެ. ބާސެލޯނާ އަށް ފަރަގު ކުޑަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ. މެޗު ނިމެން ދަނިކޮށް އަގުއޭރޯ މި ލަނޑުޖެހީ ސާޖީނޯ ޑެސްޓް ނަގައިދިން ހުރަހަކުންނެވެ.

މި މުބާރާތުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުގައި ސޮސިއެޑާޑާ 2-2 އިން ވަނީ އެއްވަރުވެފައެވެ. މި މެޗުގެ ކުޅެން ފެށިތާ ހަވަނަ މިނެޓުގައި ސޮސިއެޑާޑަށް ލީޑްނަގައިދިނީ އަލެކްސަންޑަ ސޯލޯތު އެވެ. އޭގެފަހުން، ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި އަލެކްސެންޑަ އިސާކް ވަނީ ސޮސިއެޑާޑަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ.

މެޗުގެ 61 ވަނަ މިނެޓުގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ވަނީ އެތުލެޓިކޯ އަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެފަހުން، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ސުއަރޭޒް ވައްދާލި ލަނޑުން އެތުލެޓިކޯ އިން ވަނީ މި މެޗުން ޕޮއިންޓެއް ކަށަވަރުކޮށްފައެވެ.