އިޓާލިއަން ލީގުގައި ރޭ ފަހު ވަގުތު ޕައޮލޯ ޑިބާލާ ވައްދާލި ޕެނަލްޓީއެކު ޑާބީ ޑި އިޓާލިއާގައި އިންޓަ މިލާން އަތުން ޔުވެންޓަސް ބަލިނުވެ ސަލާމަތްވެއްޖެއެވެ. މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީ އަށް ނުވަ މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް އިންޓަ އަށް 18 ޕޮއިންޓް ލިބިފައިވާއިރު، އޭއެސް ރޯމާ އޮތީ 16 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އަދި ޔުވެންޓަސް ވަނީ ރޭގެ މެޗުން ހޯދީ ޕޮއިންޓާ އެކު ނުވަ މެޗުން 15 ޕޮއިންޓް ހަމަކޮށް ތާވަލްގެ ހަވަނަ އަށް ޖެހިލާފައެވެ.
މިލާންގެ ސެން ސީރޯގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް އިންޓަ އިންނެވެ. މިއީ މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމުގެ ހަކާން ޗަހަނޮގްލޯ ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑީގައި ޖެހިފައި ލިބުމުން އެޑިން ޖެކޯ ކާމިޔާބުކުރި ގޯލެކެވެ.
ޔުވެންޓަސް އިން މި މެޗުގައި ނަތީޖާ ހަމަހަމަކުރީ 89 ވަނަ މިނެޓުގައި ޑިބާލާ ވައްދާލި ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޔުވެންޓަސްގެ އަލެކްސް ސެންޑްރޯ އަށް އިންޓަގެ ޑެންޒެލް ޑަމްފްރީސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެފްރީ މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ.
ލީގުގައި ރޭ ރޯމާގެ ދަނޑުގައި ނަޕޯލީ ކުޅުނު މެޗު ނިމުނީ ލަނޑެއްނުޖެހި 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މުބާރާތުގައި މާދަމާ ރޭ ގައި ކުޅޭ މެޗުތަކުގެ ތެރޭގައި މިލާންގެ ދަނޑުގައި ޓޮރީނޯއާ ދެކޮޅަށް ނިކުންނައިރު، އަންނަ ބުދަ ދުވަހު ޔުވެންޓަސް ނިކުންނާނީ ސަސުއޮލޯއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު އެމްޕޯލީ ނިކުންނާނީ އިންޓައާ ދެކޮޅަށެވެ. ލީގުގެ އެއްވަނައިގައި އުޅޭ ނަޕޯލީއާ ބޮލޯނިއާ ބައްދަލުކުރާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހު އެވެ.
