އިޓާލިއަން ސެރިއޭގައި ރޭ އަމިއްލަ ދަނޑުގައި އޮލިވިއޭ ޖިރޫ ވައްދާލި ލަނޑާއެކު ޓޮރީނޯ ބަލިކޮށް އޭސީ މިލާނުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން މިލާން މޮޅުވީ 1-0 އިންނެވެ.
ރޭގެ ނަތީޖާއާއެކު އެއްވަނައިގައި އުޅޭ މިލާނަށް ކުޅުނު 10 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ނަޕޯލީ އޮތްއިރު، ތިންވަނައިގައި އޮތް އިންޓަ އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. އޭއެސް ރޯމާ ހަތަރުވަނައިގައި އޮތީ 16 ޕޮއިންޓާއެކު އެވެ.
ސެން ސީރޯގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 14 ވަނަ މިނެޓުގައި ޖިރޫ ކާމިޔާބުކޮށްދިނީ އެ ޓީމުގެ ރަޑެ ކްރުނިޗް ބޮލުން ޖައްސާލި ޕާހަކުންނެވެ. މިއީ މިހާރު އުމުރުން 35 އަހަރުގެ ޖިރޫ، ލީގުގައި މިލާނަށް ކުޅެދިން ހަ މެޗުގައި ޖަހައިދިން ހަތަރުވަނަ ގޯލެވެ.
ދެވަނަ ހާފުގައި ޓޮރީނޯ އަށް އެއްވަރުކޮށްދޭން ޓޮމާސޯ ޕޮބޭގާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، އޭގެފަހުން މެޗުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި އެ ޓީމުގެ ޑެނިސް ޕްރަޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
ނިމިދިޔަ ސީޒަނުގައި މިލާނަށް ލީގުގެ ދެވަނަ ހޯދައިދިން ކޯޗު ސްޓެފާނޯ ޕިއޯލީގެ އިރުޝާދުގެ ދަށުން އެ ޓީމުން މި ފަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންއަންނައިރު، ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއްނުވެއެވެ. ނުވަ މެޗުން މޮޅުވިއިރު، އެއް މެޗުން އެއްވަރުވެފައިވެއެވެ.
މިލާނަށް ދެން އޮތީ ރަށުން ބޭރުގައި ޕޯޗުގަލްގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރޯމާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ދަންވަރު 12:45 ގައެވެ.
