އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު ގަދަ 16 ޓިމުގެ ބުރުގެ މެޗުތަކަށްފަހު ޗެލްސީ އާއި އާސެނަލް އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޗެލްސީގެ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ޗެލްސީ މޮޅުވީ 4-3 އިންނެވެ. އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ.
ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މި މެޗުގައި ޗެލްސީން ލީޑްނެގީ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް ކައި ހަވާޓްޒް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ހަކީމް ޒިޔެޗް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ހަވާޓްޒް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ސައުތެމްޓަނުން އެއްވަރުކުރި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ޗެލްސީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާނަގައި ކާމިޔާބުކޮށްދިނީ ޗޭ އެޑަމްސް އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ޗެލްސީން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން މޭސަން މައުންޓް ޖެހި ޕެނަލްޓީ ފިޔަވައި ދެން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މާކަސް އަލޮންސޯ، ބެން ޗިލްވެލް، ކަލުމް ހަޑްސަން-އޮޑޯއީ އަދި ރީސް ޖޭމްސް އެވެ. ސައުތެމްޓަންގެ ތިއޯ ވޮލްކޮޓް ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ މަތަކުރިއިރު، ވިލިއަމް ސްމޯލްބޯން ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ޝޭން ލޯންގް، އޮރިއެލް ރޮމޭއު އަދި އެޑަމް އާމްސްޓްރޯންގް އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލީޑްސް އަށް ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޖެކް ހެރިސަން ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ބާންޑް ލެނޯ މަތަކުރިއެވެ.
މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ޖަހައިދިނީ ކެލުމް ޗެމްބާސް އެވެ. ކުޅެން އެރިތާ މާގިނަ އިރެއްނުވެ ޗެމްބާސް މި ލަނޑުޖެހީ އެ ޓީމުގެ ވިންގާ ނިކޮލަސް ޕެޕޭ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެންނެވެ. ރެފްރީ މި ލަނޑު ގަބޫލުކުރަން ނިންމީ ގޯލް ލައިން ޓެކްނޮލޮޖީގެ އެހީގައެވެ.
އާސެނަލްގެ ދެވަނަ ލަނޑު، މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޑީ އެންކެޓިއޭ އެވެ. މިއީ ލީޑްސްގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި އެންކެޓިއޭ ކާމިޔާބުކުރި ގޯލެކެވެ.
ލީގު ކަޕްގައި ރޭ ކުއީންސް ޕާކް ރޭންޖާސްއާ ދެކޮޅަށް ސަންޑަލެންޑް ކުޅުނު މެޗު ލަނޑެއްނުޖެހި 0-0 އިން ދެ ޓީމު އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި ސަންޑަލެންޑް މޮޅުވީ 3-1 އިންނެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ވެސްޓް ހޭމް ޔުނައިޓެޑްގެ ދަނޑުގައި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗާއި ލިވަޕޫލް ރަށުން ބޭރުގައި ދެވަނަ ޑިވިޝަނުގެ ޕްރެސްޓަން ނޯތު އެންޑްއާ ދެކޮޅަށް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ. އިތުރު މެޗުތަކުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ބްރައިޓަން ނިކުންނައިރު، ބާންލީގެ ދަނޑުގައި އެ ޓީމު ނިކުންނާނީ ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށެވެ.
