ސައިނަސް ހުންނަ މީހެކޭ ނުވަތަ ތިމަންނާ ސައިނަސް ހުރެއޭ ބުނާތީ ވަރަށް ގިނައިން އަޑުއިވެއެވެ. މި ބުނާ ސައިނަސް އަކީ ކޮބާ ހެއްޔެވެ؟ ސައިނަސް ހުންނަނީ ވަކި މީހުންގެތޯއެވެ؟

އާންމު ގޮތެއްގައި ސައިނަސް ހުރެއޭ ބުނާ ބަހުގެ މުރާދަކީ ނުވަތަ މާނައަކީ އެމީހަކީ ސައިނަސް އިންފެކްޝަން ހުންނަ މީހެކެވެ. ކޮންމެ މީހެއްގެ މޫނުގައިވެސް ސައިނަސްއޭ މިކިޔާ ބައިތައް ހުންނާނެއެވެ. އެ ތަންތަނުގައި އިންފެކްޝަން އަޝަގަތުމުން އެއަށް އިނގިރޭސިބަހުން "ސައިނަސައިޓިސް" އޭ ކިޔައެވެ. މިއަށް ދިވެހިން އާންމުކޮށް މި ކިޔާ އުޅެނީ ހަމަ އެ ތަނުގެ ނަން ކަމަށްވާ ސައިނަސްގެ ނަމުންނެވެ.

އިންސާނާގެ ބޮލުގެ ނާށިގަނޑުގައި މޫނާއި ދިމާލުން އެތެރޭގައި 4 ސައިނަސް ހުރެއެވެ. އެއީ ނޭފަތުގެ މަތިން ދެފަރާތަށް ވާގޮތަށް ހުންނަ ދެ ސައިނަސްއާއި ނޭފަތުގެ ހިނދުރިއާއި ހިސާބުން ދެފަރާތަށް ވާގޮތަށް ހުންނަ ދެ ސައިނަސް އެވެ. މިއީ ބޮލުގެ ނާށިގަނޑުގައި ވައި އެކުލެވިގެންވާ ހުސް ޖާގަތަކެކެވެ. އިންސާނާގެ ބޮލުގެ ބަރުދަން ލުއިވަނީ މި ސައިނަސް ތަކުގެ ސަބަބުންނެވެ.

ސައިނަސައިޓިސް އަކީ ސައިނަސް ތަކުގައި އުފެދޭ އިންފެކްޝަނެއްގެ ސަބަބުން ދިމައިވާ ބައްޔެކެވެ. މިޔަށް ރޯގާ ޖެހުމޭ ކިޔައެވެ. އާންމުގޮތެއްގައި ސައިނަސައިޓިސް ދިމައިވަނީ ކޮންމެވެސް ވައިރަހެއްގެ ސަބަބުންނެވެ. ބައެއް މީހުންނަށް މިއީ އެލާޖިކެއް ކަމުގައިވެސް ބެލެވެއެވެ. އެމީހުން ހިރަފުހުގައި ކިރިޔާ ޖެހިލާއިރަށް ނުވަތަ ނިދާ ހޭލާއިރު މާހައުލުގެ ފިނިކަން ހުންނަ މިންވަރަކުން އެލާޖިކް ރިއެކްޝަންއެއް އުފެދެއެވެ. ސައިނަސައިޓިސް ގެ ސަބަބުން ނޭވައިލުމަށް ކުޑަނަމަވެސް ދަތިކަމެއް ކުރުވާނެއެވެ. ނޭފަތް ބެދުމާއި ނޭފަތުން ފެން އައުން ހިމެނެއެވެ. މޫދުމަތި ދުޅަވުން އެއީ ސައިނަސައިޓިސްގެ އާންމު އަލާމާތެކެވެ. އެހެނީ ސައިނަސްތަކުގައި އިންފެކްޝަން އުފެދުމާއި އެކު އެ ތަންތަނުގައި އަރިދަފުސް ނުވަތަ ފެން އަށަގަތުމެވެ.

އާންމުގޮތެއްގައި ސައިނަސައިޓިސް އަކީ ވަރަށް އަވަހަށް ފަސޭހަ ވާ ބައްޔެކެވެ. މި ބަލި ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ޑަކްޓަރެއްގެ އެހީތެރިކަން ހޯދުން ވަރަށްވެސް މުހިންމެވެ. ސައިނަސައިޓިސް ހުންނަ މީހުން އެމީހުން އެލާޖިކުވާ ބާވަތްތަކުން ދުރުވުން ވަރަށްވެސް މުހިންމެވެ. އަދި ފިނިފެން ބުއިން މަދުކުރުމާއި އެކު ރޭގަނޑުގެ ވަގުތުގައި ބޯ ދޮވެގެން ފެންވެރުންވެސް ރައްކާތެރިއެއް ނޫނެވެ. ތާފަނާ ފެނަކީ ސައިނަސައިޓިސްއަށް ވަރަށް ބޮޑު ފަރުވާއެކެވެ. އަދި ސާފުވައި ލިބިގަތުމަކީވެސް އަމުދުން މުހިންމުކަމެކެވެ.

ސައިނަސް ހުންނަ މީހެކޭ ބުނުމުން ހަގީގަތުގައި އެ ބުނެވެނީ ސައިނަސައިޓިސް ހުންނަ މީހެކޭ އެވެ. އެހެނީ ކޮންމެ މީހެއްގެ ވެސް ސައިނަސްތައް ހުންނާނެއެވެ. ފަސޭހަ ކަމާއެކީ އެ ސައިނަސްގައި އިންފެކްޝަން އުފެދި އެލާޖިކްގެ ސަބަބުން ސައިނަސްތަކަށް އުނދަގޫ ކުރުވާނަމަ އެއީ ސައިނަސައިޓިސް ހުންނަ މީހެކޭ ބުނެވިދާނެއެވެ.