ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ރަޔޯ ވަޔެކާނޯ އަތުން 1-0 އިން ބާސެލޯނާ ބަލިވި މެޗަށްފަހު މާގިނައިރުތަކެއް ނުވަނީސް ބާސެލޯނާގެ ކޯޗުގެ މަގާމުން ރޮނާލްޑް ކޫމަން ވަކިކޮށްފިއެވެ.

ކޫމަން އަކީ މިދިޔަ ތިން އަހަރު ތެރޭ ބާސެލޯނާގެ ކޯޗުކަން ގެއްލުނު ތިން ވަނަ ކޯޗެވެ.

އުމުރުން 58 އަހަރުގެ ކޫމަން އަށް ބާސެލޯނާގެ ކޯޗުކަން ގެއްލުނީ އެ މަގާމާ ހަވާލުވިތާ 14 މަސް ތެރޭގައެވެ.

ބާސެލޯނާ އާއެކު ކުޅުންތެރިއެއްގެ ގޮތުގައި ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައިވާ ކޫމަން އަށް މަގާމުގެ ޕްރެޝަރު ބޮޑުވީ މި ފަހަރުގެ ސީޒަނުގައި ލީގުގައި މިހާތަނަށް ކުޅުނު 10 މެޗަށްފަހު ލިބުނު 15 ޕޮއިންޓާއެކު ތާވަލްގެ ނުވަވަނަ އަށް ވެއްޓުމުންނެވެ. މީގެއިތުރުން، މި ފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު ދެ މެޗުން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

ވަޔެކާނޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ކޮލަމްބިއާގެ ފޯވާޑް ރަޑަމެލް ފަލްކާއޯގެ ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް ފަހު ހާފުގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދޭން މެމްފިސް ޑިޕާއީ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ވަޔެކާނޯގެ ޑިފެންޑަރެއް ޑިޕާއީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ވީ ނާކާމިޔާބެވެ. ރޭގެ މެޗަކީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ބާސެލޯނާ ބަލިވި ތިންވަނަ ފަހަރެވެ.

ކުރީން ނެދަލެންޑްސްގެ ގައުމި ޓީމުގެ ހެޑް ކޯޗުގެ މަގާމާއި އެވަޓަން އަދި ސައުތެމްޓަން ފަދަ ކްލަބުތަކަށް އިރުޝާދު ދީފައިވާ ކޫމަން އަށް ބާސެލޯނާ އާއެކު ނިމިދިޔަ ސީޒަނުގައި ހޯދުނީ ލީގުގެ ތިންވަނަ މަގާމެވެ. އެ ޓީމާއެކު އޭނާ އަށް ހޯދުނީ ކޮޕާ ޑެލް ރޭ އެކަންޏެވެ.

ބާސެލޯނާގެ ކޯޗުކަން ކޫމަން އަށް ގެއްލުމާއެކު ދެން އެ މަގާމަށް އެ ކްލަބުން ގެންނަން މަސައްކަތްކުރާ ކޯޗަކީ އެ ކްލަބުގެ ކުރީގެ ކެޕްޓަން އަދި މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް އެވެ. ޒަވީގެ އިރުޝާދުގެ ދަށުން ގަތަރުގެ އަލް ސާދު އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ.