އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާ އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެ މެންޗެސްޓާ ސިޓީ އަނެއް ބުރަށް ނުގޮސް ކަޓައިފިއެވެ.

ރަށުން ބޭރުގައި ދެވަނަ ޑިވިޝަނުގެ ޕްރެސްޓަން ނޯތު އެންޑް އަތުން 2-0 އިން ލިވަޕޫލް މޮޅުވިއިރު، ވެސްޓް ހޭމް ވަނީ ޕެނަލްޓީ ޖަހައިގެން 5-3 އިން ބަލިކޮށް އެންމެ ފަހުގެ ހަތަރު މުބާރާތުގެ ޗެމްޕިއަން ސިޓީ ކަޓުވާލައިފައެވެ. ބާންލީ އަތުން ޓޮޓެންހަމް މޮޅުވީ 1-0 އިންނެވެ.

މިއީ މިދިޔަ ހަ އަހަރުގެ ތެރޭގައި ލީގު ކަޕްގެ ތަށި ފަސް ފަހަރު ހޯދާފައިވާ ސިޓީން އެ މުބާރާތުގެ ނޮކްއައުޓް ބުރުގައި ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ބަލިވި ފުރަތަމަ ފަހަރެވެ. 

ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވުމުން އެ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ނަތީޖާ ނެރެން ޖެހެނީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ވެސްޓް ހޭމުން ފުރަތަމަ ފޮނުވާލި ޕެނަލްޓީ އެ ޓީމުގެ ކެޕްޓަން މާކް ނޯބަލް ކާމިޔާބުކުރިއިރު، ސިޓީން ފޮނުވާލި ފުރަތަމަ ޕެނަލްޓީ ފިލް ފޯޑެން އަށް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ. ވެސްޓް ހޭމް އާއި ސިޓީން ދެން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއެވެ. ސިޓީން ޕެނަލްޓީތައް ކާމިޔާބުކުރީ ޔާއޯ ކަންސޭލޯ އާއި ގެބްރިއެލް ޖެސޫސް އަދި ޖެކް ގްރީލިޝް އެވެ. 

މެންޗެސްޓާ ސިޓީއާ ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

ވެސްޓް ހޭމް މޮޅުވި ޕެނަލްޓީ ވައްދާލީ ސައީދު ބެންރަހްމާ އެވެ. އޭގެކުރީން އެ ޓީމުން ޕެނަލްޓީތައް ކާމިޔާބުކުރީ ކްރެއިގް ޑޯސަން އާއި އާރޮން ކްރެސްވެލް އަދި ޖަރޮޑް ބޮވެން އެވެ.

ޕްރެސްޓަންގެ ދަނޑުގައި ރޭ ލިވަޕޫލުން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ފަހު ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 62 ވަނަ މިނެޓުގައި ނެކޯ ވިލިއަމްސް ދިން ބޯޅައަކުން ޖަޕާނުގެ ފޯވާޑް ޓަކޫމީ މިނަމީނޯ ކާމިޔާބުކުރިއިރު މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ދެވަނަ ގޯލްޖަހައިދިނީ ޑިވޮކް އޮރީގީ އެވެ.

މި މުބާރާތުގައި ރޭ ބާންލީގެ ޓާފް މޫރ ގައި ޓޮޓެންހަމް މޮޅުވި މެޗުގެ ހަމައެކަނި ލަނޑު، އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް މޯރާ އެވެ. ސްޓޯކް ސިޓީގެ މައްޗަށް 2-1 އިން ބްރެންޓްފޯޑް ކުރިހޯދިއިރު، ލެސްޓާ ސިޓީއާ ބްރައިޓަން ބައްދަލުކުރި މެޗު ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ލެސްޓާ މޮޅުވީ 4-2 އިންނެވެ.

ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކަށް ފަހު މިހާތަނަށް ކުއާޓާ ފައިނަލަށް ހޮވުނު ޓީމު ތަކަކީ ޗެލްސީ، އާސެނަލް، ލިވަޕޫލް، ލެސްޓާ، ވެސްޓް ހޭމް، ޓޮޓެންހަމް، ބްރެންޓްފޯޑް އަދި ސަންޑަލެންޑް އެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ގުރުއަތުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.