ޖަރުމަން ކަޕްގެ ދެވަނަ ބުރުގައި ރޭ ރަށުން ބޭރުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ ބަޔާން މިއުނިކަށް ލަދުވެތިކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. މި މެޗުން ބަޔާން ބަލިވީ 5-0 އިންނެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ބަޔާން އެވެ. އެ ޓީމު ވަނީ ޖަރުމަން ކަޕް 20 ފަހަރު ކާމިޔާބުކޮށްފައެވެ.

މިއީ ވޭތުވެދިޔަ 43 އަހަރު ތެރޭ އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަޔާން ބަލިވި މެޗެވެ. މީގެކުރީން، އެ ޓީމު އެންމެ ފަހުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވީ 1973 ވަނަ އަހަރު ޖަރުމަނު ލީގުގައި ފޯޗިއުނާ ޑަސެލްޑޯފް އަތުން 7-1 އިންނެވެ.

ގްލަޑްބެކްގެ ބޮރޫޝިއާ ޕާކްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 21 މިނެޓުގެ ތެރޭގައި އެ ޓީމުން ވަނީ ތިން ލަނޑުޖަހާފައެވެ. ދެވަނަ މިނެޓުގައި ކޮއާޑިއޯ ކޯނޭގެ ގޯލުން ގްލަޑްބެކް ލީޑްނެގިއިރު، ރެމީ ބެންސަބެއިނީ ވަނީ މެޗުގެ 15 އާއި 21 ވަނަ މިނެޓުގައި ވައްދާލި ލަނޑުތަކާއެކު 3-0 ގެ ތަފާތެއްގައި އޮވެ ފުރަތަމަ ހާފު ނިންމާލައިފައެވެ.

ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ގްލަޑްބެކްގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ސްވިޒަލެންޑްގެ ފޯވާޑް ބްރީލް އެމްބޯލޯ އެވެ. މިއީ ބަޔާންގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެމްބޯލޯ ކާމިޔާބުކުރި ގޯލެކެވެ. އޭގެ ހަ މިނެޓުފަހުން، އެ ޓީމުގެ ފަސްވަނަ ލަނޑު، އެމްބޯލޯ ޖެހީ ލޫކަސް ނެޓްޒް ނަގައިދިން ހުރަހަކުންނެވެ.

ރޭގެ މެޗަށް ބަޔާނުން ނިކުތީ ކޮވިޑަށް ޕޮޒިޓްވެފައިވާ އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ގޭގައި އައިސޮލޭޝަންގައި ހުރުމުން އޭނާއާ ނުލައެވެ. މިވަގުތު ގޭގައި ހުރެގެން ޓީމުގެ މަސައްކަތްތައް ކުރަމުންދާއިރު، ރޭގެ މެޗުގައި އޭނާގެ އެއްވެސް ޕްލޭނެއް މަސައްކަތްނުކުރިއެވެ.

ބަޔާންގެ ތާރީޚުގައި އެ ޓީމު މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވީ ލީގުގައި 1976 ވަނަ އަހަރު އަމިއްލަ ދަނޑުގައި ޝާލްކާ އަތުން 7-0 އިންނެވެ.

ލީގުގައި އެ ޓީމަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން އެ ދުވަހު 18:30 ގައެވެ.