މޭވާ ތަކުގެ ތެރޭގައި މޫސުމީ މޭވާ ހުރެއެވެ. އޭގެ ތެރެއިން އަނބަކީ ފާހަގަކޮށްލެވޭ މީރު މޭވާއެކެވެ. ދުނިޔޭގެ ގިނަ ހިސާބުތަކުގައި އަނބު ހެދޭއިރު، ދިވެހި ރާއްޖޭގައިވެސް އަނބަކީ ވަރަށް އާންމު މޭވާއެކެވެ. އަނބު މޫސުމުގައި އަނބެއް ކާންނުލިބޭ ދިވެއްސަކު ނުހުންނާނޭ ބުނުން ދޮގަކަށްނުވާނެއެވެ. މާލޭ މާރުކޭޓުގައިވެސް އެދުވަސްވަރު ރަސްކަން ކުރާނީ ހަމަ އަނބެވެ.
އަނބަކީ ދޮންވުމުން ކައި އުޅޭ މޭވާއެކެވެ. ނަމަވެސް ބައެއް މީހުން ހުތް އަނބު ނުވަތަ ދޮންނުވާ އަނބުވެސް މީރުކޮށް ކައި ހަދައެވެ. އަނބުގައި ފަނި ގިރައިގެންނާއި ހުހާވެސް ކައި ހަދައެވެ. އަދި އަނބުގައި ރިހަވެސް ކައްކައިގެން ކައި އުޅެއެވެ. އެހެންކަމުން އަނބުން ލިއްބައިދޭ ސިއްހީ ފައިދާތަކަށް ނަޒަރެއް ހިންގާލުން ވަރަށްވެސް މުހިންމެވެ.
އަނބަކީ ގިނަ އަދަދަކަށް "ޕޮލީފެނޮލިކް ފްލެވަނޮއިޑް އެންޓިއޮކްސިޑަންޓް" ނަމަކަށް ކިޔާ މާއްދާއެއް އެކުލެވޭ މޭވާ އެކެވެ. އެންޓިއޮކްސިޑަންޓުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. މި މާއްދާ އަކީ އެކި ކަހަލަ ވިހަ ނުވަތަ ނުރައްކާތެރި މާއްދާތަކާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާއެކެވެ. އެހެންކަމުން މިއީ ކެންސަރާއި ދެކޮޅަށްވެސް މަސައްކަތް ކުރާ މާއްދާއެކެވެ. ސައިންސުވެރިން ދެކިލައްވާ ގޮތުގައި އަނބުގައި މި ހުންނަ އެންޓިއޮކްސިޑަންޓުގެ ބާވަތަކީ ބޮޑަށް، އުރަމައްޗާއި ގޮހޮރުގެ ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާއެކެވެ. މި ލިޔުމުގައި މިހެން ބަޔާން މިކުރަނީ އަނބު ކާނަމަ ކެންސަރު ނުޖެހޭނޭ ނުވަތަ އަނބު ކާނަމަ ކެންސަރުބަލި ރަނގަޅުވާނޭ ބުނުމުގެ މާނައިގައެއް ނޫނެވެ. ނަމަވެސް އެގޮތަށް އޭގެ މަސައްކަތް ކުރާނެ ވާހަކަ ބަޔާން ކުރުމަށެވެ.
އަނބަކީ ގިނައަދަދަކަށް ވިޓަމިން އެކުލެވޭ މޭވާ އެކެވެ. އޭގެ ތެރޭގައި ވިޓަމިން އޭ، ވިޓަމިން ސީ އަދި ވިޓަމިން ބީ6 ހިމެނެއެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަނގަޅުކުރުމަށް އެހީވެދޭ މާއްދާއެކެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ހަރުދަނާ ކޮށްދޭނޭ މާއްދާއެކެވެ. ވިޓަމިން ބީ6 އަކީ ސިކުނޑީގައި އުފައްދާ "ގެމާ-އެމިނޯބިއުޓަރިކް އެސިޑް" ނަމަކަށް ކިޔާ ހޯމޯނެއް އުފެއްދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މި ހޯމޯނަކީ ފިޓުޖެހުމުން މީހާ ދުރުކޮށްދިނުމާއި، ހާސްކަމާއި ނުތަނަވަސްކަން ފިލުވައިދިނުމަށް އެހީތެރިވެދޭ ހޯމޯނެކެވެ.
އަނބުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވެއެވެ. ޕޮޓޭސިއަމް އަކީ ހަށިގަނޑުގައި ފެން ހިފެހެއްޓުމާއި ލޭގެ ޕުރެސަރާއި އަދި ހިތުގެ ހިނގުން ތަރުތީބުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.
މީގެ އިތުރަށްވެސް އަނބަކީ ގިނަ ގުނަ ފައިދާތައް ހަށިގަނޑަށް ކުރުވާނޭ މޭވާއެކެވެ. މި ލިޔުމުގައި މި ބަލައިލީ އޭގެ ތެރެއިން އެންމެ ގިނަ އަދި އެންމެ އާންމު ފައިދާތަކަށެވެ. މި ފައިދާތަކާއި އަދި އިތުރު އެހެން ފައިދާތައް މިހެން ހުރުމާއި އެކު އަނބަކީ މީރުވެގެން އާންމުކޮށް ކާ ވޭމާއަކަށް ހެދުން މުހިންމެވެ.
