އިޓާލިއަން ސެރިއޭގައި ރޭ އަމިއްލަ ދަނޑުގައި ލޮރެންޒޯ އިންސީނިއޭ ވައްދާލި ދެލަނޑާއެކު ނަޕޯލީ އިން 3-0 ގެ ނަތީޖާއަކުން ބޮލޯނިއާ ބަލިކޮށް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
ރޭގެ ނަތީޖާއާއެކު ނަޕޯލީ އަށް އެއްވަނަ ލިބުނީ 10 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ހަމަ މިއަދަދަށް ދެވަނައިގައި އޮތް އޭސީ މިލާނަށް ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި 21 ޕޮއިންޓާއެކު އިންޓަ އޮތްއިރު، އޭއެސް ރޯމާ އޮތީ 19 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ނޭޕަލްސްގައި ހުންނަ ޑިއޭގޯ އާމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ނަޕޯލީން ލީޑްނެގީ 19 ވަނަ މިނެޓުގައި ސްޕެއިނުގެ މިޑްފީލްޑަރު ފަބިއާން ރުއީޒް ކާމިޔާބުކުރި ގޯލުންނެވެ. އެ ޓީމުގެ އެލްޔިފް އެލްމާސް ދިން ބޯޅައަކުން ރުއީޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ.
ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ނަޕޯލީގެ ލީޑް ފުޅާކޮށްދިނީ އިންސީނިއޭ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ބޮލޯނިއާގެ ކުޅުންތެރިއަކު ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގައި ނަޕޯލީ އިން ޖެހި ތިންވަނަ ލަނޑު، 62 ވަނަ މިނެޓުގައި އިންސީނިއޭ ޖެހީ ވެސް ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ނަޕޯލީގެ ފޯވާޑް ވިކްޓަ އޮސީމެން އަށް ބޮލޯނިއާގެ ޑިފެންޑަރު އިބްރާހިމާ އެމްބާއޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ލީގުގައި ނަޕޯލީ އަށް ދެން އޮތީ އަލަށް ޕްރޮމޯޓުވި ސަލާނިޓާނާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ އަންނަ އާދީއްތަ ދުވަހު ރާއްޖޭގަޑިން 22:00 ގައެވެ.
