އިންޑިޔާގެ 17 އަހަރުގެ ކުއްޖަކު އޭނާގެ ގޭގައި ވިހައިފިއެވެ. އިންޑިޔާގެ ކެރަލާގައި ހިނގި މިހާދިސާއަށް މީޑިޔާގެ ސަމާލުކަން ލިބުނީ އެކަމާއި ގުޅިގެން އެ ސަރަހައްދުގެ ފުލުހުން ދިން މައުލޫމާތުތަކާއި އެކުގައެވެ.

އެ އަންހެންކުއްޖާ މާބަނޑުވިކަން އެކުއްޖާގެ އާއިލާގެ އެއްވެސް މީހަކަށް ނޭނގެއެވެ. އެ އާއިލާގެ މީހުންނަށް އެކަން އެނގިފައިވަނީ އެކުއްޖާގެ ކޮޓަރިން ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑުއިވުނު ހިސާބުންނެވެ. ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާ މާބަނޑުވުމާއި އެކު އެކަން ސިއްރުކުރަން ވަރަށް ގިނަ މަސައްކަތްވަނީ ކޮށްފައެވެ. އެގޮތުން އެކުއްޖާ ވަނީ ޔޫޓިއުބުން އެކި ކަހަލަ އެތައް ވީޑިއޯއެއް ބަލާފައެވެ. އެކުއްޖާ ފުލުހުންނަށް ބުނެފައިވަނީ އެ ވީޑިއޯތަކުގެ އެހީގައި އޭނާގެ ބަނޑު ވަރަށް ފަސޭހަކަމާއިއެކު އޭނާގެ އާއިލާމީހުންނަށް ފޮރުވުނެވެ. ނަމަވެސް ވިހަން ކައިރުވުނުން ވިހެއުމާއި މެދު ވަރަށްކަންބޮޑުވިކަމަށް އެކުއްޖާ ވަނީ ފުލުހުންނަށް ކިޔައިދީފައެވެ. އެހެންކަމުން ވިހާނޭ ގޮތުގެވެސް އެތައް ވީޑިއޯއެއް އޭނާ ވަނީ ޔޫޓިއުބުން ބަލާފައެވެ. އަދި އެވީޑިއޯތަކުގެ އެހީގައި އެކުއްޖާ ވިހެއީ އެކަނިމާއެކަންޏެވެ.

އެކުއްޖާ ވިހެއުމާއި އެކު އާއިލާއަށް އެނގުމުން އެ ދެމައިން ވަނީ ލަސްނުކޮށް އެސަރަހައްދުގެ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ރިޕޯޓުތައް ބުނާގޮތުގައި އެދެމައިންގެ ހާލު ރަނގަޅެވެ. އެމައްސަލަ ފުލުހުންނަށް ހުށަހެޅުމާއި އެކު ކުރެވުނު މަސައްކަތުން 21 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުގައި މިދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެމީހުންނެވެ. ނަމަވެސް އަންހެން ކުއްޖާއަކީ ކުޑަކުއްޖެއްކަމުން އެ ފިރިހެންމީހާގެ މަށްޗަށް ވަނީ ރޭޕުގެ ދައުވާ އުފުލާފައެވެ.

ޔޫޓިއުބުގައި ތަފާތު މައުލޫމާތު ހިމެނޭ ވީޑިއޯތައް ހުންނަ އިރު، ކުޑަކުދިން އެފަދަ ވަސީލަތްތައް ބޭނުން ކުރުމުގެ ހުއްދަ ދެވޭއިރު އެކަންކަމަށް ސަމާލުކަން ދިނުން ވަރަށްވެސް މުހިންމެވެ. ކުޑަކުދިން ލޯބީގެ ގުޅުންތަކުގައި ބައިވެރިވުމަކީ އިންޑިޔާގައި ވަރަށް އާންމު ކަމެކެވެ. އަދި ރޭޕް ކޭސްތައްވެސް އެގައުމުގައި އެހާމެގިނައެވެ. އެފަދަ އަނިޔާތަކާއި ދެކޮޅަށް އެގައުމުގައި ވަނީ މުޒާހަރާތަކެއްވެސް ކޮށްފައެވެ.