ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ލިއްލެ އަތުން ފަހުވަގުތު ޕީއެސްޖީން މޮޅުވެއްޖެއެވެ. މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 އިންނެވެ.
ރޭގެ ނަތީޖާއާއެކު ޕީއެސްޖީ އަށް ކުޅުނު 12 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އޭގެ 10 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލެންސް އެވެ. ތިންވަނައިގައި އޮތް ނީސް އަށް 11 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، މާސޭ އޮތީ 19 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
މީގެކުރީން، މި ސީޒަނުގެ ކުރީކޮޅު ކުޅުނު ފްރެންޗް ސުޕަ ކަޕްގައި ލިއްލެ ވަނީ ޕީއެސްޖީ ބަލިކޮށްފައެވެ.
ޕީއެސްޖީން ރޭގެ މެޗަށް ނިކުތީ ކަންފަތުގެ އިންފެކްޝަނަކާ ގުޅިގެން ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއާ ނުލައެވެ. އެ ޓީމާ މި ފަހަރުގެ ސީޒަނަށް ގުޅުނު ސްޕެއިނުގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަދިވެސް ހުރީ އަނިޔާގައެވެ.
ޕާކް ޑެސް ޕްރިންސެސްގައި ރޭ ކުޅުނު މެޗުގެ 31 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ލިއްލެ އިންނެވެ. ތުރުކީގެ ފޯވާޑް ބުރަކް ޔިލްމާޒް ތަނަވަސްކޮށްދިން ފުރުޞަތަކުން އެ ޓީމަށް މިލަނޑުޖަހައިދިނީ ކެނެޑާގެ އުއްމީދީ ފޯވާޑް ޖޮނަތަން ޑޭވިޑް އެވެ.
މި މެޗުގައި ޕީއެސްޖީން އެއްވަރުކުރި ލަނޑު، 74 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން މާކީނޯސް ކާމިޔާބުކުރީ އާޖެންޓީނާގެ މިޑްފީލްޑަރު އެންހެލް ޑި މާރިއާ ދިން ބޯޅައަކުންނެވެ. އަދި އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ޕީއެސްޖީ މޮޅުވި ލަނޑުޖަހައިދިނީ ވެސް ޑި މާރިއާ އެވެ. މިއީ ބްރެޒިލްގެ ތަރި ނޭމާ ދިން ޕާހަކުން ޑި މާރިއާ ކާމިޔާބުކުރި ގޯލެކެވެ.
ޕީއެސްޖީ އަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އަންނަ ބުދަ ދުވަހު ރަށުން ބޭރުގައި ޖަރުމަނުގެ އާރްބީ ލީޕްޒިގާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު ޖެހިގެން އަންނަ އާދީއްތަ ދުވަހު ލީގުގައި ރަށުން ބޭރުގައި އެ ޓީމު ނިކުންނާނީ ބޯޑޯއާ ދެކޮޅަށެވެ.
