އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ 2-0 އިން ބަލިކޮށް އާސެނަލުން ޖެހިޖެހިގެން ދެވަނަ މޮޅު ހޯދައިފިއެވެ.
ލީގުގެ ފުރަތަމަ ތިން މެޗުން ބަލިވެ، ރެލިގޭޝަން ޒޯނުގައި އޮތް އާސެނަލުން އޭގެފަހުން ކުޅުނު ހަތް މެޗުން ބަލިނުވެ ނިންމާލިއިރު، އެންމެ ފަހުން ކުޅުނު ދެ މެޗުން ވަނީ މޮޅުވެފައެވެ.
މިރޭގެ މެޗުން ހޯދީ މޮޅާއެކު އާސެނަލުން ވަނީ މި ފަހަރުގެ ސީޒަނުގައި ފުރަތަމަ ފަހަރަށް ގަދަ 6 ޓީމުގެ ތެރޭގައި ހިމެނިފައެވެ. އާސެނަލަށް މިހާތަނަށް ކުޅުނު 10 މެޗުން ލިބުނު 17 ޕޮއިންޓާއެކު އޮތީ ފަސްވަނައިގައެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ވެސްޓް ހޭމް ޔުނައިޓެޑް ހަތަރުވަނައިގައި އޮތްއިރު، އޭގެ ތިން ޕޮއިންޓް ކުރީގައި ތިންވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. އެންމެ ކުރީގައި އުޅޭ ޗެލްސީ އަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 21 ޕޮއިންޓެވެ.
ލެސްޓާގެ ކިންގްޕަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އާސެނަލަށް ލީޑްނަގައިދިނީ ގެބްރިއެލް މަގާލޭޝް އެވެ. މިއީ އެ ޓީމުގެ ޒުވާން ތަރި ބުކާޔޯ ސަކާ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ގެބްރިއެލް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އާސެނަލުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، އޭގެ 13 މިނެޓުފަހުން ކާމިޔާބުކޮށްދިނީ އެމީލް ސްމިތު ރޯވް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ލެސްޓާގެ ފުލްބެކް ލޫކް ތޯމަސް ދިފާއުކުރަން އުޅުމުގެ ތެރޭގައި ސްމިތު ރޯވް އަށް ލިބުމުން ކާމިޔާބުކުރި ރީތި ގޯލެކެވެ.
ލެސްޓާ އަށް ލަނޑެއްޖަހައިދޭން ނައިޖީރިއާގެ ފޯވާޑް ކެލެޗީ އިހެނާޗޯ ފޮނުވާލި ބޯޅައެއް އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް މަތަކުރިއިރު، އެ ޓީމުގެ ޖޭމްސް މެޑިސަން ހިލޭޖެހުމަކުން ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ވެސް މުޅި މެޗުގައި މޮޅު ސޭވްތަކެއް ކުރި ރަމްސްޑޭލް އެވެ. މީގެއިތުރުން، ދެވަނަ ހާފުގައި އަޑެމޯލާ ލުކްމަން އާއި ހާވޭ ބާންސް ފޮނުވާލި ހަމަލާތައްވެސް ރަމްސްޑޭލް މަތަކުރިއެވެ.
ލީގުގައި އާސެނަލަށް ދެން އޮތީ އަންނަ ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހު އަމިއްލަ ދަނޑުގައި ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެދުވަހު ރަށުން ބޭރުގައި ލެސްޓާ ނިކުންނާނީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށެވެ.
