ސްޕެނިޝް ލީގުގައި މިރޭ ރަށުން ބޭރުގައި އެލްޗޭ ކޮޅަށް ބްރެޒިލްގެ ތަރި ވިނީޝަސް ޖޫނިއާ ވައްދާލި ދެ ލަނޑާއެކު ރެއާލް މެޑްރިޑުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ރެއާލް މޮޅުވީ 2-1 އިންނެވެ.

މިރޭގެ ނަތީޖާއާއެކު ރެއާލަށް އެއްވަނަ ލިބުނީ ކުޅުނު 11 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ސެވިއްޔާ އާއި ހަތަރުވަނައިގައި އޮތް ރެއާލް ބެޓިސް އަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ސެވިއްޔާ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ.

ރެއާލުން މިރޭގެ މެޗަށް ނިކުތީ އަނިޔާގެ ސަބަބުން ފްރާންސް ފޯވާޑް ކަރީމް ބެންޒެމާއާ ނުލައެވެ.

އެލްޗޭގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ރެއާލުންނެވެ. ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި މަރިއާނޯ ޑިއާޒް ދިން ބޯޅައަކުން މިލަނޑުޖަހައިދިނީ ވިނީޝަސް އެވެ. އޭގެކުރީން، އެލްޗޭ އަށް ލީޑްނަގައިދޭން ލޫކަސް ބޮޔޭ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ވަނީ މަތަކޮށްފައެވެ. އޭގެފަހުން، އެލްޗޭގެ ފޯވާޑް ލޫކަސް ޕެރޭޒަށް އެއްވަރުކޮށްދޭން ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ރެއާލްގެ ޓޯނީ ކްރޫސް އަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެން އެލްޗޭގެ ރައުލް ގުޓީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކައި ދަނޑުން ފޮނުވާލުމުން އެ ޓީމުން މެޗުގެ ފަހުބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

އޭގެ 10 މިނެޓުފަހުން، ރެއާލްގެ ލީޑް ފުޅާކޮށްދިނީ ވެސް ވިނީޝަސް އެވެ. ވިނީޝަސް މި ލަނޑުޖެހީ އެ ޓީމުގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލުކާ މޮޑްރިޗް ތަނަވަސްކުރި ފުރުޞަތަކުންނެވެ. މި މެޗުގައި އެލްޗޭ އިން ޖެހި ހަމައެކަނި ލަނޑު، 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕެރޭ މިލާ އެވެ.