ބައެއްމީހުންކުރާ އެއް ޝަކުވާއަކީ އަނގަ ނުހުޅުވޭ ވާހަކައާއި އަނގައިގެ ކަތުރު ކަށިގަނޑުން އަޑުކިޔާ ޝަކުވާއެވެ. މިއީ ފަހަރުގައި ބައެއްމީހުންނަށް ވަރަށް އާންމު ކަމަކަށް ވެދާނެއެވެ. މިކަން އާންމުކޮށް ދިމާނުވާ މީހަކަށްވެސް މިކަން ދިމާވެދާނެ ސަބަބުތައް ހުރެއެވެ. ބައެއް މީހުންނަށް އެމީހުންގެ އަނގަ މާ ބޮޑަށް ނުހުޅެވޭ އިރު އަނެއްބަޔަކު އެއްޗެއްހަފާ އިރު ކަތުރުކަށިގަނޑުން އަޑުކިޔައެވެ. އަދި އަނެއްބައި މީހުން، ގިނައިރު އެއްޗެއް ނުކައި ހުރެ، އަނގައަށް އެއްޗެއްލާ ހަފާލުމުން ފުރަތަމަ ދެތިންފަހަރު ކަތުރުކަށިގަނޑުގައި ތަދެއް ހުންނަކަމާއި، ވާންކަމެއް ހުންނަކަމެއް ބުނެއެވެ. އެހެންކަމުން ކަތުރުކަށިގަނޑުގެ އެކިއެކި އުނދަގޫތަކަށް ފަސޭހަ ކަމާއިއެކު ހައްލެއް ނުވަތަ ލުޔެއް ހޯދުން ވަރަށްވެސް މުހިންމެވެ. އެ ސަބަބަށްޓަކައި ކުރެވިދާނެ ދެތިންކަމެއް ފާހަގަ ކޮށްލާނަމެވެ.

އަނގައާއި ކަތުރުކަށިގަނޑަށް ކަސްރަތު ލިބޭނޭ ހަރަކާތްތަކެއް ނުވަތަ ކަސްރަތުތަކެއް ހުރެއެވެ. އެގޮތުން އަނގަ ހުޅުވާލުމަށްފަހު ތިރީދަތްޕިލައިގެ މެދު ދެދަތުގައި ދެ އިނގިލި އަޅުވާލުމަށްފަހު، އަނގަ ލައްޕަން ބާރުކޮށްލާށެވެ. އަދި އެ ދެއިނގިލިން އަނގަ ލެއްޕުނަ ނުދީ ބާރުކޮށްލާށެވެ. މިގޮތަށް 30 ސިކުންތު ވަންދެން ހިފަހައްޓާލާށެވެ. އެގޮތައް ފަސްވަރަކަށް ފަހަރު ކޮންމެ ދުވަހަކު ހަދާށެވެ. މިގޮތަށް މިކަސްރަތު ކުރުން އެންމެ ރަނގަޅީ ފަތިހު ހޭލުމަށްފަހު އެއްވެސް އެއްޗެއް ކެއުން ނުވަތަ ހެފުމުގެ ކުރިންނެވެ.

ދެންމިއޮތީ ކޮލާއި ކަރުގެ ބައެއް މަސްތަކަށް ބާރުލިއްބައިދޭ ކަސްރަތެކެވެ. މިކަސްރަތު ކުރުމުގެ ބޭނުމަކީ މި މަސްތަކަށް ބާރު ހޯދައިދިނުމެވެ. މި މަސްތަކުގައި ބާރު ހުންނަނަމަ ކަތުރުކަށިގަނޑުގެ އެކި އެކި އުނދަގޫތައް ލުއިކޮށްދޭނެއެވެ. މި ކަސްރަތު ކުރާނޭ ގޮތަކީ އާދައިގެ ވަރަކަށް އަނގަހުޅުވުމަށްފަހު، ދުލުގެ ކުރީކޮޅުގައި އިނގިލި އަޅާ ބާރުކޮށްލާނީއެވެ. އެއާއިއެކު ދުލުގެ ކުރީކޮޅު މަތީ ތަލީގެ މަޑުބައިގައި ނުވަތަ ފަހަތުގައި ޖައްސަން ބާރުލާށެވެ. އިނގިލިން ހުންނަންވާނީ ތިރިއަށް ބާރުލެވިފައެވެ. މިގޮތަށް ބާރުކޮށްލައިގެން ހުރެ، އަނގަ ހުޅުވޭ އެންމެ ބޮޑަކަށް މަޑުމަޑުން ހުޅުވާލާށެވެ. އަދި މަޑުމަޑުން ގާތްކޮށްލާށެވެ. މިގޮތަށްވެސް ދުވާލަކު ދިހަވަރަކަށް ފަހަރު ތަކުރާރުކޮށްލާށެވެ. މި ކަސްރަތު ކުރެވޭއިރު ތަދު ބޮޑުވެ، ވޭނެއް އަޅާނަމަ މިކަސްތަރު ނުކުރާށެވެ. ލަސްނުކޮށް ސިއްހީ އެހީތެރިއެއްގެ އެހީތެރިކަން ހޯދަން ވާނެއެވެ.

ހިނިތުންވުމަކީ ސަދަގާތެކެވެ. ހަމަ އެފަދައިން ހިނިތުންވުމަކީ ކަސްތަރެއްވެސްމެއެވެ. މިއީ ކޮލާއި ދަތްދޮޅިއާއި ކަރުގެ ބައެއް މަސްތަކަށް ބާރުލިއްބައިދީ ވާންކަން ކުޑަކޮށްދޭ ކަސްރަތެކެވެ. އެމީހަކަށް ހިނިތުންވެވޭ އެންމެ ބޮޑަކަށް ހިނިތުންވެލާށެވެ. ދެ ކަންމިޔައަށް ވާންޖެހޭވަރަށް ބޮޑަށެވެ. މިގޮތަށް ހެވިލައިގެން ހުރެ، އަނގަ މަޑުމަޑުން ހުޅުވާލާށެވެ. އަނގައިގެ ތަންމިނަށް ހުޅުވާލުމަށްފަހު މަޑުމަޑުން އަނގަ ލައްޕާލާށެވެ. މިއީ ދުވާލަކު ދިހަވަރަކަށްފަހަރު ތަކުރާރުކޮށްލުން ރަނގަޅު ކަސްރަތެކެވެ.

ކަތުރުކަށިގަނޑުގައި އެކި އެކި އުނދަގޫތަކާއި ވާންކަމާއި އަޅައިގަތުމާއި އަޑުކިޔުންފަދަ ކަންކަން ހައްލުކުރުމަށް މިއީ ކުރެވިދާނެ ކަސްރަތުތަކެކެވެ. ކަތުރުކަށިގަނޑުގެ ހުޅު ވަރުގަދަ ވުމާއި އެކު ކޮލާއި ދަތްދޮޅިއާއި ކަރުގެ ބައެއް މަސްތަކަށް ބާރުޖެހި ހުޅަށް ކުރާ ބާރު ކުޑަކޮށްލީ، ހުޅަށް ލުއިކަން ލިބޭނެއެވެ.