އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލަށް މޮޅުނުވެވުމުގެ ފައިދާނަގައި މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ޗެލްސީ އިން އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.
އަމިއްލަ ދަނޑުގައި އެއް ކުޅުންތެރިއަކު މަދުކޮށް ދެވަނަ ހާފު އެއްކޮށް ނިންމާލި ސިޓީ ބަލިވީ ކްރިސްޓަލް ޕެލަސް އަތުން 2-0 އިންނެވެ. ލިވަޕޫލުން ދެލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ބްރައިޓަން އިން ވަނީ ފަހަތުންއަރައި 2-2 އިން އެއްވަރުކޮށްފައެވެ. ޗެލްސީ ވަނީ 3-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ.
ރޭގެ މެޗުތަކަށްފަހު ޗެލްސީ އެއްވަނައިގައި އޮތީ 10 މެޗުން ހޯދީ 25 ޕޮއިންޓާއެކު އެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ލިވަޕޫލް އޮތްއިރު، ތިންވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. ވެސްޓް ހޭމް ޔުނައިޓެޑް އޮތީ 9 މެޗުން ހޯދީ 17 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
އެންފީލްޑްގައި ރޭ ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުން ލީޑްނެގީ ކެޕްޓަން ޖޯޑަން ހެންޑަސަން ކާމިޔާބުކުރި ގޯލުންނެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ހެންޑަސަން މިލަނޑުޖެހީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ދިން ޕާހަކުންނެވެ. އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓުގައި ލިވަޕޫލްގެ ދެވަނަ ލަނޑުޖަހައިދިނީ ސަޑިއޯ މާނޭ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު ނަބީ ކެއިޓާ އަށް އަނިޔާވެގެން ބަދަލުގައި ކުޅެން ނިކުތް އެލެކްސް އޮކްސްލޭޑް-ޗެމްބަލެއިން ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މާނޭ ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރީން ބްރައިޓަންގެ އީނޮކް އެމްވޭޕޫ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި ސޮލީ މާޗް ދިން ބޯޅައަކުން އެމްވޭޕޫ މި ލަނޑުޖެހީ ޕެނަލްޓީއޭރިޔާ ބޭރުގައި ހުރެ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާގެ ބޯމަތިން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި މެޗުގައި ބްރައިޓަން އިން އެއްވަރުކުރި ލަނޑު، މެޗުގެ 65 ވަނަ މިނެޓުގައި ބެލްޖިއަމްގެ ވިންގާ ލެއަންޑްރޯ ޓްރޮސާޑް ކާމިޔާބުކޮށްދިނި ކުރީން ލިވަޕޫލަށް ކުޅުނު އެޑަމް ލަލާނާ ދިން ޕާހަކުންނެވެ. މި އެޓޭކް އުފެއްދުމުގައި ބްރައިޓަންގެ ސްޕެއިން ގޯލްކީޕަރު ރޮބަޓް ސަންޗޭޒް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ޕްރިމިއާ ލީގުގައި ސްޕެއިންގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ކުޅުނު 200 ވަނަ މެޗުގައި ޕެޓްރިކް ވިއޭރާގެ ޕެލަސް އަތުން ބަލިވީ 2-0 އިންނެވެ. ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ހަވަނަ މިނެޓުގައި އެ ޓީމު ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޕެލަސް އަށް ލީޑްނަގައިދިނީ އައިވަރީ ކޯސްޓްގެ ވިންގާ ވިލްފްރައިޑް ޒަހާ އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ސިޓީ އަށް އިތުރު މައްސަލަތައް ކުރިމަތިވީ ޒަހާ އަށް ކުރި ފައުލަކަށް ސިޓީގެ ސްޕެއިން ޑިފެންޑަރު އައިމެރިކް ލަޕޯޓަށް ރަތް ކާޑެއް ދައްކާފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 15 ވަރަކަށް މިނެޓުގެ ތެރޭގައި ސިޓީން ގޯލެއް ކާމިޔާބުކުރިއެވެ. ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް ކާމިޔާބުކުރި މި ގޯލް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ބަލައިނުގަންނަން ނިންމީ އޭނާ އަށް އެ ފުރުޞަތު ތަނަވަސްކޮށްދިން ފިލް ފޯޑެން އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ. މެޗުގެ އިތުރުވަގުތުގައި ޕެލަސްގެ ދެވަނަ ލަނޑުޖެހީ ކޮނާ ގަލަގާ އެވެ.
ނިއުކާސަލްގެ ދަނޑުގައި ރޭ ޗެލްސީ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ތިން ގޯލް ވެސް ކާމިޔާބުކުރި ދެވަނަ ހާފުގައެވެ. މީގެތެރެއިން ދެލަނޑުޖަހައިދިނީ އިނގިރޭސި ފުލްބެކް ރީސް ޖޭމްސް އެވެ. މެޗު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް ޗެލްސީގެ ތިންވަނަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ކައި ހަވާޓްޒް އަށް ނިއުކާސަލްގެ ގޯލްކީޕަރު ކާލް ޑާލޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މުބާރާތުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާގެ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ރޭގެ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު، 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޔުނައިޓެޑުން ލީޑް ފުޅާކުރީ މެޗުގެ 64 ވަނަ މިނެޓުގައި އެޑިންސަން ކަވާނީ އެވެ. މިއީ ރޮނާލްޑޯ ދިން ބޯޅައަކުން ކަވާނީ ކާމިޔާބުކުރި ގޯލެކެވެ. ޔުނައިޓެޑުން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު، 86 ވަނަ މިނެޓުގައި ޖަހައިދިނީ ފަހު ހާފުގައި ކުޅެން ނިކުތް މާކަސް ރަޝްފޯޑް އެވެ.
