ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކްގެ މައި ކުންފުނި ރީބްރޭންޑް ކޮށް ނަން ބަދަލު ކުރަން ނިންމީ، އެ ކުންފުނީގެ އެކި ޕްލެޓްފޯމްތަކުން ކުރިމަތިވާ ނުރައްކާތަކާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ލީކުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ފޭސްބުކްގެ އިތުރުން އިންސްޓަގްރާމް އަދި ވަޓްސްއެޕް ވެސް ނިސްބަތްވާ ކުންފުނީގެ ފަރާތުން މިވަރުގެ ބޮޑު ނިންމުމެއް ނިންމުމުގެ ފަހަތުގައިވާ ޙިކުމަތު އެކުންފުނިން ހާމަކޮށްފިއެވެ.
ނަން ބަދަލު ކުރުމުގެ އިތުރުން، ރީބްރޭންޑް ކުރުމުގެ ތެރެއިން ފޭސްބުކް ކުންފުނިން ވަނީ އެ ކުންފުނީގެ ރަސްމީ ލޯގޯވެސް ބަދަލު ކޮށްފައެވެ. މީގެ ކުރިން ބޭނުން ކުރަމުން ދިޔަ ލޯގޯގެ ބަދަލުގައި، އަލަށް ތައާރަފު ކޮށްފައި ވަނީ "އިންފިނިޓީ" ރަމްޒު ކޮށްދޭ ފަދަ ލޯގޯއެކެވެ. ލޯގޯ ބަދަލުވިނަމަވެސް ކުލައަކަށް އަދިވެސް މިކުންފުނިން ބޭނުންކުރަމުން ދަނީ ނޫކުލައެވެ.
އެ ކުންފުނީގެ ކަނެކްޓްގެ ފަރާތުން މިމަހުގެ 29 ވަނަ ދުވަހު ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގް ބުނީ އެ ކުންފުންޏަކީ ތަރައްޤީއާ އެކުދޭދޭމީހުންގެ ގުޅުންތައް ބަދަހިކޮށްދޭން މަސައްކަތް ކުރާ ކުންފުންޏެއްށެވެ. އަދި އެ ކުންފުންޏަކީ ހަގީގަތުގައި ކޮންބައެއް ކަމާއި ކީއްކުރާ ބައެއްކަން އިތުރަށް ދައްކައި ދިނުމަށް ޓަކައި ފޭސްބުކްގެ ނަން ބަދަލުކުރަން ނިންމައިފައިވާ ކަމަށެވެ.
އެގޮތުން "މެޓާ"ގެ ނަމަށް ނަން ބަދަލުކުރި އިރު، މިނަމުން ފެންނާނެ އެންމެ ބޮޑު ތަފާތަކަށް ވާނީ ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް އެ ކުންފުނިން ތައާރަފް ކޮށްފައިވާ ހިދުމަތްތަކެވެ.
މި އައި ބަދަލާ ބެހޭ ގޮތުން ޒަކަބާގް ބުނެފައިވަނީ ޑެސްކްޓޮޕްތައް ލެޕްޓޮޕްތަކަށް ބަދަލުވި ފަދައިން ޓެކްނޮލޮޖީގެ ދުނިޔޭގައި، ހާއްސަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އިންގިލާބެއް ގެނުވާނެ ޓެކްނޮލޮޖީ އަކަށް އެ ވެގެން ދާނެ އެވެ. ފޭސްބުކްގެ ކޯޕަރޭޓް ނަން މެޓާއަށް ބަދަލުވި ނަމަވެސް އެކުންފުނީގެ ދަށުން ހިނގާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ނަން ބަދަލު ނުވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.
ފޭސްބުކްގެ ނަން ރީ-ބްރޭންޑް ކުރިކަން އިޢުލާންކުރުމަށް މާރކް ޒަކަބާރގް ލިޔުނު ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއީ މުސްތަޤުބަލަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާ، މި އާބަދަލުގެ ތެރެއިން އެކީގައި މަސައްކަތް ކުރުމާއި، ރައްޓެހިންނާއި އެކު ކޮންސެޓްތަކަށް ދިއުން އަދި ދުރުގައިވާ މައިންބަފައިންނާ އެއްތަނަކުން ބައްދަލުވުން މުޅިން ތަފާތު ފެންވަރަކަށް ގެންދާނެއެވެ. މެޓާއަކީ ހަމަ އެކަނި ސޯޝަލް މީޑިޔާ ޕްލެޓްފޯމެއްގެ ބަދަލުގައި މިއީ މުސްތަޤްބަލުގެ އޮޕަރޭޓިންގ ސިސްޓަމެއް އަމިއްލަ ކުރުމަށް މާރކް ނެގި ވަރަށް މުހިންމު ފިޔަވަޅެކެވެ.
ބައެއް ފަރާތްތަކުން ވަނީ، ފޭސްބުކްގެ އެތެރޭގެ ސިޔާސަތުގައި ހުރި ނުރަގަޅު ކަންތަކެއް ހާމަކޮށް، އެތަނުގެ ލިޔުންތަކެއް ލީކްކޮށްލާފައިވާ މި ދަނޑިވަޅުގައި ކުންފުނީގެ ނަންބަދަލުކުރީ އެކަމުން މީހުންގެ ސަމާލުކަމުގެ މިސްރާބު ބަދަލު ކޮށްލުމަށް ކަމަށް ބުނެ ފާޑުކިޔާފައެވެ.
