ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ކަސްރަތު ކުރުމުގެ ބޭނުމަކީ މީހާގެ ބަރުދަން ލުއިކުރުމާއި މީހާގެ ހަށިގަނޑު ރަގަޅު ބައްޓަމަކަށް ބެހެއްޓުމެވެ. ނަމަވެސް ކަސްރަތު ކުރުމުން ލިބޭ ހަމައެކަނި ފައިދާއަކީ އެއީއެއް ނޫނެވެ. ގަވާއިދުން ކަސްރަތު ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި މީހާ ހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. ގަވާއިދުން ކަސްރަތު ކުރުމުން ލިބޭ ފައިދާތަކަށް ބަލާލާއިރު:
ކަސްރަތު ކުރުމުން އުފާވެރިކަން އިހްސާސްކޮށްދޭ:
ކަސްރަތު ކުރުމަކީ މީހާގެ މޫޑު ރަނގަޅުކޮށްދީ، އިންސާނާގެ ހިތަށްވެރިވާ ނުތަނަވަސްކަން ފިލުވައި ލުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމެކެވެ. ސިއްހީ މާހިރުން ބުނާގޮތުގައި ޤަވައިދުން ކަސްރަތު ކުރާނަމަ، އިންސާނާ އުފާ ކުރުވާ ހޯމޯންސް މިހާގެ ހަށިގަނޑުތެރޭގައި އިތުރު ކޮށްދޭނެއެވެ.
ހަށިގަނޑަށް އަރާމު ލިއްބައިދީ ނިދަން ފަސޭހަވުން:
ރޭގަނޑުގައި ނުނިދިގެން އުޅޭ މީހުން ޤަވައިދުން ކަސްރަތު ކުރާނަމަ، އެކަން ބަދަލުވެދާނެ ކަމަށް ޞިއްޙީ ތަޖުރިބާކާރުން ބުނެއެވެ. އެހެނީ ކަސްރަތު ކުރުމަށްފަހު ހަށިގަނޑަށް އެކަމުގެ ސަބަބުން އަރާމު ލިބި އަވަހަށް ނިދޭގޮތް ވެއެވެ. މީގެ އިތުރުން ކަސްރަތު ކުރާމީހުންގެ ނިދީގެ ކޮލެޓީވެސް ކަސްރަތު ނުކުރާމީހުންނަށްވުރެ މަތިކަމަށް ދިރާސާތަކުން ދައްކައެވެ.
ތަފާތު ބަލިތަކުން މީހާ ސަލާމަތްވާ މިންވަރު މަތިވޭ:
ގަވައިދުން ކަސްރަތުކުރާ ނަމަ ކުއްލި މަރުން ދުރުކޮށްދިނުމާއި ހިތުގެ ބަލިތަކާއި ކެންސަރާއި ލޭމައްޗަށް ދިއުމާއި ޓައިޕް2 ޑައިބިޓީޒް ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭން ބާރު އަޅާ ކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވެ އެވެ.
ވިސްނުން ތޫނުވެ ހަނދާން ވަރުގަދަވޭ
ކަސްރަތު ކުރުމުގެ ސަބަބުން ސިކުނޑީގައި އިންސާނާގެ ހަނދާންތައް ރައްކާކޮށްދިނުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ “ހިޕޮކޭމްޕަސް” ގައި އާ ސެލްތައް އުފެއްދުމަށް އެހީވެދެއެވެ. މިކަމުގެ ސަބަބުން ހަނދާން ވަރުގަދަވެ އުނގެނެން ފަސޭހަވެގެންދެއެވެ. މިގޮތުން ސިކުނޑި އެލާރޓައް ގެނައުމާއި ކަންކަމަށް މީހާ ސަމާލުކުރުވާ ސްޕީޑް އަވަސްކޮށްދެއެވެ. އަދި އުމުރުން ދުވަސްވުމުން ހަނދާން ބަލިވުމަށް މެދުވެރިވާ މައްސަލަ ދަށްކޮށްދެއެވެ.
