އަފްޣާނިސްތާނުގެ ނަންގަރްހާރް ޕްރޮވިންސްގައި އޮތް ކައިވެނި ހަފްލާއަކަށް ގަދަކަމުން ވަދެ، ތާލިބާން ސިފައިން ބަޑީގެ ހަމަލާތަކެއް ދީ ދެމީހަކު މަރާލައި އިތުރު 10 މީހަކު ޒަޚަމްކޮށްލައިފިއެވެ.
މި ހަމަނުޖެހުން ހިންގާފައިވަނީ އެ ކައިވެނި ހަފްލާގައި މިއުޒިކް ކުޅޭކަމަށްބުނެކަމަށް ރިޕޯރޓްތަކުން މައުލޫމާތު ލިބެއެވެ.
މިއުޒިކް ކުޅުން ވަނީ 1996 – 2001 ވަނަ އަހަރާ ހަމައަށް ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަންކުރި އިރުވެސް މަނާކޮށްފައެވެ.
ނޫސް ރިޕޯރޓުތަށް ބުނާގޮތުން ތާލިބާން ސިފައިން ވަނީ މިކައިވެނި ޕާޓީއަށް ވަދެ، އެތަނުގައި ކުޅެމުންދިޔަ މިއުޒިކް ހުއްޓުވައިދިނުމަށް އެދިފައިވެއެވެ. ނަމަވެސް، ފަހުން ސިފައިން ވަނީ ހަފްލާގެ ބައިވެރިންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދީފައެވެ.
ނަންގަރްހާރުގައި އޮތް ކައިވެނި ހަފްލާގައި 4 މީހުންގެ ކައިވެނި ކުރިޔަށްދިޔަކަމަށް ބީބީސީ ނިއުސްގައި ރިޕޯޓްކޮއްފައިވާއިރު، މި ކައިވެނީގައި ލަވަޖަހާފައިވަނީ ލޯކަލް ލީޑަރުންގެ ކައިރިން ނެގުނު ހުއްދަޔަކާއެކުކަމަށް ރިޕޯރޓުގައި ބުނެފައިވެއެވެ.
ތާލިބާން ޖަމާއަތުގެ ސަރުކާރުގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު ވިދާޅުވީ މިހަމަލާގައި ބައިވެރިވި 3 މީހުންގެތެރެއިން 2 މީހަކު މިހާރު ހައްޔަރުކޮއްފައިވާކަމަށެވެ. އަދި ތާލިބާނުންގެ ސިޔާސަތަކީ މިއުޒިކަށް ލޯބިކުރާ މީހުން މެރުން ނޫން ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
