ސްވިޑެންގެ އަބަދަށްފެހި ފޯވާޑް ޒްލަޓާން އިބްރާހިމޮވިޗްގެ ލީގު ކެރިއަރުގައި ޖެހި 400 ވަނަ ލަނޑާއެކު، އިޓާލިއަން ސެރިއޭގައި ރޭ އޭއެސް ރޯމާ އަތުން 2-1 އިން އޭސީ މިލާން މޮޅުވެއްޖެއެވެ.
ރޭގެ ނަތީޖާއާއެކު މިލާނުން ވަނީ ތާވަލްގެ އެއްވަނައިގައި އުޅޭ ނަޕޯލީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފައެވެ. ދެ ޓީމަށް ވެސް 11 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި 24 ޕޮއިންޓާއެކު އިންޓަ އޮތްއިރު، ރޯމާ އޮތީ 19 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ރޯމްގައި ހުންނަ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި މިލާނުން ލީޑްނެގީ 25 ވަނަ މިނެޓުގައި އިބްރާހިމޮވިޗް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ފޯވާޑް ރަފައެލް ލީއޯ އަށް ރޯމާގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުމަކުން އިބްރާހިމޮވިޗް ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ އިޓާލިއަން ލީގުގައި އިބްރާހިމޮވިޗް ކާމިޔާބުކުރި 150 ވަނަ ގޯލެވެ.
އޭގެފަހުން، މެޗުގެ 57 ވަނަ މިނެޓުގައި މިލާންގެ ދެވަނަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފްރޭންކް ކެސިއޭ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އިބްރާހިމޮވިޗަށް ރޯމާގެ ޑިފެންޑަރު ރޯޖާ އިބަނިއޭޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގެ 66 ވަނަ މިނެޓުގައި މިލާންގެ ފުލްބެކް ތިއޯ ހެނާންޑޭޒަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން މެޗުގެ ފަހުބައި އެ ޓީމުގެ ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދަނިކޮށް، ރޯމާ އަށް ފަރަގު ކުޑަކޮށްދިނީ ކުރީން މިލާނަށް ކުޅުނު އިޓަލީގެ ފޯވާޑް ސްޓެފަން އެލް ޝަރާވީ އެވެ. މިއީ މެޗުގެ އިތުރުވަގުތުގައި ރޯމާގެ މިޑްފީލްޑަރު ޖޯޑަން ވެރެޓޫޓް ނެގި ހުރަހަކުން މިލާންގެ ޑިފެންޑަރު އަލެސިއޯ ރޮމަނިއޯލީ ދިފާއުކުރަން ޖައްސާލި ބޯޅައެއް ޕެނަލްޓީއޭރިޔާގެ ބޭރު ރޮނގު ކައިރިން އެލް ޝަރާވީ އަށް ލިބުމުން ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި ރޭ ސަލާނިޓާނާގެ ދަނޑުގައި ނަޕޯލީ 1-0 އިން މޮޅުވިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ޕިއޮޓްރަ ޒިއެލިންސްކީ އެވެ. އުދިނޭޒީ އަތުން 2-0 ގެ ނަތީޖާއަކުން އިންޓަ މޮޅުވިއިރު، ފިއޮރެންޓީނާ ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ސްޕެޒިއާ ބަލިކޮށްފައެވެ.
