އިންސާނާގެ ހަށިގަނޑުގައި މުހިންމު ގިނަ މަސައްކަތްތަކެއް އަދާކުރާ ޗިސްމޭގެ އިންފެކްޝަނަކީ ބައެއްމީހުންނަށް ދިމާވާ ބައްޔެކެވެ. މިއީ ޗިސްމޭގައި ޖަރާސީމު އަަށަގަތުމެވެ. އެއްބައިމީހުންނަށް މިކަން ކުއްލިގޮތަކަށް ދިމާވާއިރު އަނެއްބައިމީހުންނަށް މިކަން ދިމާވަނީ ގިނަ ދުވަހުންނެވެ. މިބަލީގައި ބޮޑުވަރު ނުވާމީހުންނަށް ފަރުވާކުރުމުން ފަސޭހަވެއެވެ. ނަމަވެސް ބޮޑުވަރުވާ މީހުންނަށް އެމީހުންގެ ފުރާނައަށް ނުރައްކާވާ ބައްޔަކަށް މިކަންވެއެވެ. ޗިސްމޭގެ އިންފެކްޝަނަށް އިނގިރޭސިބަހުން "ޕެންކްރިއެޓިޓިސް" އޭ ކިޔައެވެ.
ޗިސްމޭގެ އިންފެކްޝަން ހުރެއްޖެނަމަ އިންސާނާގެ ހަށިގަނޑުން ފެނިދާނޭ އަލާމާތްތަކެއް ސިއްހީ މާހިރުން ފާހަގަކުރައްވައެވެ. އޭގެ ތެރޭގައި މޭދޮށުގައި ރިއްސުމާއި އެކު އެ ރިހުން ބުރަކައްޓަށްވެސް ފޯރާފައި ހުރުން ހިމެނެއެވެ. އަދި މޭދޮށުގައި ހަރުކަމެއް ހުރުމާއެކު އަތްލާ އޮބާލުމުން ތަދު އިތުރުވުން ހިމެނެއެވެ. އަދި ގަސްތަކާއި ނުލާ ބަރުދަން ލުއިވުމަކީވެސް ބައެއްމީހުންގެ ފަރާތުން ފެންނަ އަލާމާތަކެވެ. އެންމެ އާންމު އަލާމާތް ތަކަކީ ހުންއައުމާއި އެކު ވިންދު އަވަސްވެ، މޭނުބައިކޮށް ހޮޑުލެވޭގޮތް ވުމެވެ.
ޗިސްމޭގައި އިންފެކްޝަން އުފެދުމަށް މެދުވެރިވަނީ ކޮންމެވެސް ސަބަބަކާއި ހުރެ ޗިސްމެއިން އުފައްދާ އެންޒައިމްސްތައް، ޗިސްމޭގެ ތެރޭގައި މަސައްކަތް ކުރަން ފެށުމުންނެވެ. މި އެންޒައިމްސްތަކަކީ ގޮހޮރަށް ފޮނުވައިދޭ އެންޒައިމްސްތަކެކެވެ. ކަންމިހެން ދިމާވުމުން، ޗިސްމޭގެ ހަތާތަކުގެ މަސައްކަތްތަކަށް ބުރޫ އަރާ ޗިސްމޭގައި އިންފެކްޝަން އުފެދެއެވެ. މި ހާލަތު މެދުވެރި ކުރުވާ ބައެއް ސަބަބުތަކުގެ ގޮތުގައި ފާހަގަވެފައިވަނީ ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަނގުރާ ބޮއުމާއި އަދި މަސްތުވާތަކެތި ބޭނުން ކުރުމެވެ. މީގެ އިތުރުން ބައެއް ބާރުގަދަ ބޭސްތަކުގެ ސަބަބުން ވެސް މިކަން މިހެން ދިމާވެދާނެއެވެ. އަދި ހަކުރުބަލި ހުންނަ މީހުންނަކީވެސް މިކަން މިގޮތަށް ދިމާވުމުގެ ފުރުސަތު ބޮޑު މީހުންނެވެ.
މިބަލިން ރައްކާތެރިވުމުގެ ގޮތުން ކުރުން އެންމެ މުހިންމު އެއް ކަމަކީ ދިރިއުޅުމުގެ ގޯސް އާދަތަކުން ދުރުވުމެވެ. އެއީ ދުންފަތާއި މަސްތުވާތަކެތި ބޭނުން ކުރުމެވެ. މީގެ އިތުރުން ބަރުދަން މާބޮޑަށް ބަރުވިޔަނުދީ ހިފެހެއްޓުމާއި، ގަވައިދުން ކަސްރަތު ކުރުން މުހިންމެވެ. ކެއުމުގައި ތެލާއި ހަވާދުގެ ބާވަތްތައް މަދުކޮށް ފައިދާހުރި ތާޒާ މޭވާއާއި ތަރުކާރީ ކެއުމަށް ސަމާލުކަން ދިނުން ބުއްދިވެރިއެވެ. އެއާއި އެކު ގިނައިން ފެން ނުވަތަ ދިޔާތަކެތި ބުއިމަކީވެސް ޗިސްމޭގެ އިންފެކްޝަނުން މީހާ ދުރުކޮށްދޭނޭ ކަމެކެވެ.
ޗިސްމޭގެ އިންފެކްޝަނުގައި އެތައްބަޔަކު މި ދުނިޔެ ދޫކޮށްފައިވެސް އެބަހުއްޓެވެ. އެމީހުނަށް ކާއެތިކޮޅެއް ދިރޭގޮތެއް ނުވެއެވެ. އެއާއިއެކު ކާންދޭ ހޮޅިލައްވައެވެ. އެހެންނަމަވެސް އެދެވޭ ގޮތަކަށް ހަޖަމުގެ ނިޒާމު ނުހިނގުމާއި އެހެން އެތައް މައްސަލަތަކެއް ފެންމަތިވެ މީހާ ވަރަށްބޮޑަށް ބަލިކޮށްލައެވެ. އެހެންކަމުން ކޮންމެ މީހަކީވެސް މި ބައްޔާއި މި ބަލީގެ އަލާމާތްތަކާއި މެދު ވިސްނާ ފަރުވާތެރިވާނޭ މީހަކަށްވުން ވަރަށްވެސް މުހިންމެވެ.
