ގަލޮޅު މަދަރުސާގެ ދަރިވަރަކަށް އެސްކޫލުގެ އަންހެން މަސައްކަތު މީހަކު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި އެޑިޔުކޭޝަން މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
މިކަމާގުޅިގެން މައުލުމާތު އޮޅުންފިލުވުމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި މައްސަލައާގުޅިގެން ސްކޫލުގެ މަސައްކަތުމީހާ ވަގުތުން ސަސްޕެންޑް ކުރި ކަމަށެވެ. އަދި މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން ގެންދާ މައްސަލަތަކެއްކަން ފާހަގަކުރައްވައި މިނިސަޓަރު ވިދާޅުވީ، މިހާރު ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ކިރިޔާވެސް ހެއްކެއް ފެނިއްޖެ މައްސަލައެއްގައިނަމަ އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރާނެ ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިހާތަނަށް ހުށައަޅާފައިވާ 40 މައްސަލައިން ހައްލުނުވެ / ނުނިމި ހުރި މައްސަލަ ބެލުމުގެ މަރުހަލާގައި މިހާރު އޮތީ ހަތް މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން ސްކޫލް ތަކަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ވަރަށް ގިނަ ކަންތައްތަކެއް ހަމަޖައްސާފައިވާ ކަމަށްވެސް ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ބެލެނިވެރިންނަށްވެސް ޔަގީންކަން އަރުވަން ބޭނުން ސްކޫލުތަކުން މިފަދަ ހާދިސާތައް ނުހިނގާނެ ގޮތަކަށޭ އަޅުގަނޑުމެން ކަންކަން ކުރަމުން މިދަނީ. އިތުރަށް އެޅެންހުރި ހުރިހާ ފިޔަވަޅުތައްވެސް އަޅަމުންނޭ މިދަނީ" މިނިސްޓަރ ވިދާޅުވިއެވެ.
