ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު ޖަރުމަނުގެ ބަޔާން މިއުނިކާއި، އިޓަލީގެ ޔުވެންޓަސް އަނެއް ބުރުގެ ޖާގައެއް ކަށަވަރުކުރިއިރު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ބަޔާންގެ ދަނޑުގައި ރޭ ބެންފީކާ އަތުން 5-2 ގެ ނަތީޖާއަކުން އެ ޓީމު މޮޅުވިއިރު، ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި 4-2 އިން ރަޝިޔާގެ ޒެނިތު ސެއިންޓް ޕީޓަސްބާގް ބަލިކޮށްފައެވެ. އެޓަލާންޓާގެ ރޭ ކުޅުނު މެޗުން 2-2 އިން ޔުނައިޓެޑް ވީ އެއްވަރެވެ.

އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި ބަޔާނުން ލީޑްނެގީ 26 ވަނަ މިނެޓުގައި ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ފްރާންސްގެ ވިންގާ ކިންގްސްލީ ކޯމަން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ލެވަންޑޯސްކީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެ ހަ މިނެޓުފަހުން، ލެވަންޑޯސްކީ ދިން ބޯޅައަކުން އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ސާޖް ނެބްރީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން، މޮރާޓޯ ވަނީ ބެންފީކާ އަށް ފަރަގު ކުޑަކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ބަޔާނަށް އަލުން ދެލަނޑުގެ ލީޑްނަގައިދިނީ ލެރޯއީ ސާނޭ އެވެ. އޭގެފަހުން، މެޗުގެ 61 ވަނަ މިނެޓުގައި ސާނޭ ދިން ބޯޅައަކުން ލެވަންޑޯސްކީ ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑުޖަހައިދީފައެވެ. މި މެޗުގައި ބެންފީކާ އިން ޖެހި ދެވަނަ ލަނޑު، 74 ވަނަ މިނެޓުގައި ޑާވިން ނޫނޭޒް ކާމިޔާބުކުރީ ޔާއޯ މާރިއޯ ތަނަވަސްކުރި ފުރުޞަތަކުންނެވެ. އަދި އޭގެފަހުން، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ބަޔާންގެ ކީޕަރު މެނުއެލް ނޯޔާ ދިން ލޯންގް ޕާހަކުން ލެވަންޑޯސްކީ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް އޭނާ ކުޅުނު 100 މެޗުގައި ޖެހި 81 ވަނަ ގޯލެވެ. އަދި މި މުބާރާތުގައި އޭނާ ހެޓްރިކް ހެދި ހަތަރުވަނަ ފަހަރެވެ.

އެޓަލާންޓާގެ ބެރްގާމޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ޖޯސިޕް އިލިޗިޗް ވައްދާލި ލަނޑުން އެ ޓީމު ލީޑްނަގާފައިވަނިކޮށް، މި ހާފުގެ އިތުރުވަގުތުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފައެވެ. މިއީ އެ ޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ތަނަވަސްކުރި ފުރުޞަތަކުން ރޮނާލްޑޯ ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގައި އެޓަލާންޓާ އިން ދެވަނަ ފަހަރަށް ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 މިނެޓުގެ ތެރޭގައި ކޮލަމްބިއާގެ ފޯވާޑް ޑުވާން ޒަޕާޓާ ކާމިޔާބުކުރި ގޯލުންނެވެ. އެކަމަކު، މެޗުގެ އިތުރުވަގުތުގައި ފަހު ހާފުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ދިން ބޯޅައަކުން ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދީފައެވެ.

އެޓަލާންޓާއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

މި ގްރޫޕުގެ އެއްވަނައިގައި ޔުނައިޓެޑް ހަތް ޕޮއިންޓާއެކު އޮތްއިރު، ވިޔަރެއާލަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ޔުނައިޓެޑަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. ތިންވަނައިގައި ފަސް ޕޮއިންޓާއެކު އެޓަލާންޓާ އޮތްއިރު، އެންމެ ފުލުގައި ޔަންގް ބޯއީސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ ޒެނިތު އަތުން 4-2 އިން ޔުވެންޓަސް މޮޅުވިއިރު، އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ ވަނީ ދެލަނޑުޖަހާފައެވެ. އެ ޓީމުގެ އަނެއް ދެލަނޑުޖަހައިދިނީ ފެޑެރީކޯ ކިއޭސާ އާއި އަލްވާރޯ މޮރާޓާ އެވެ. ޒެނިތުގެ ދެލަނޑުގެ ތެރެއިން ފުރަތަމަ ގޯލަކީ ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޒެނިތުގެ ދެވަނަ ލަނޑުޖަހައިދިނީ އީރާންގެ ފޯވާޑް ސަރްދާރް އަޒްމޫން އެވެ.

ސްވިޑެންގެ މަލްމޯގެ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ މޮޅުވީ 1-0 އިންނެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ މޮރޮކޯގެ މިޑްފީލްޑަރު ހަކީމް ޒިޔެޗް އެވެ. ރޭގެ މެޗުތަކަށްފަހު މި ގްރޫޕްގެ އެއްވަނައިގައި ޔުވެންޓަސް އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ނުވަ ޕޮއިންޓާއެކު ޗެލްސީ އޮތްއިރު، ތިން ޕޮއިންޓާއެކު ޒެނިތު އޮތީ ތިންވަނައިގައެވެ. އެންމެ ފުލުގައި އޮތް މަލްމޯ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

އޮސްޓްރިއާގެ އާރްބީ ސަލްޒްބާގް އަތުން 2-1 އިން ޖަރުމަނުގެ ވުލްފްސްބާގް މޮޅުވިއިރު، ވިޔަރެއާލުން ވަނީ 2-0 އިން ޔަންގް ބޯއީސް ބަލިކޮށްފައެވެ. ސެވިއްޔާގެ ދަނޑުގައި 2-1 އިން ލިއްލެ މޮޅުވިއިރު، ޑިނަމޯ ކިއޭވް އަތުން ބާސެލޯނާ މޮޅުވީ ސްޕެއިނުގެ ޒުވާން ތަރި އަންސޫ ފާޓީ ކާމިޔާބުކުރި ގޯލުންނެވެ.